އައްޑޫގައި ހިންގާ ފްލައިން ސްކޫލް، ލަންކާގެ ޔަތީމް ޚާނާއަކާއި އެއްފަދަ ކަމަށާއި ދަރިވަރުންނަށް ދޭ އިންޒާރުތަކާއި ކުރާ ގޯނާތަކަށް ކެތްކުރެވޭނީ ވަކިވަރަކަށް ކަމަށް އައްޑޫސިޓީގެ މޭޔަރ ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ޓުވިޓާ މެދުވެރިކޮށް އޭނާ ވިދާޅުވީ ޢާއިލާތަކަށް ލިބެމުންދާ ގެއްލުމުގެ ބަދަލާއި ދަރިވަރުންގެ ޙައްގަށް ވަކާލާތު ކުރުމުން އެޢާއިލާތަކަށް މާލީގޮތުންނާއި ނަފްސާނީ ގޮތުން ދެމުންދާ އަނިޔާ ތަކާއި އެކު މިހާރު އެދަރިވަރުންނަކީ މީހުންމަރާ ކުށްވެރިންގެ ގޮތުގައި ލޭބަލް ކުރުމުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށާއި ކެތްކުރެވޭނީވެސް ވަކިވަރަކަށް ކަމަށެވެ. ނިޒާރުވަނީ ކަމާއި ގުޅޭ މުވައްސަސާތަކާއި އިސްވެރިން ޓެގްކުރައްވާ އެފަރާތްތަކުން މިކަމަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
ނިޒާރުގެ މިޓުވީޓަކީ އައްޑޫސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސް “އޭއޭއޭ”އަށް ދަރިވަރަކު ފޮނުވި އީމެއިލަކަށް ޖަވާބު ދެމުން އެދަރިވަރަކީ މީހުން މެރުމުގެ ކުށްކުރާ މީހެއްކަމަށާއި އޭނާ އަކީ އެގޮތުން ސްކޫލަށް ފިލާއުޅޭމީހެއްގެ ގޮތުގައި ތުހުމަތުކޮށް ފައިވާތީ އެކަމާގުޅިގެން ކުރެއްވި ޓުވީޓެކެވެ.
AAA, managed more like a Srilankan orphanage, devastated multiple local families financially , Psychologically and now accusing students as murderers as they fight for their rights and losses. We have a limit to tolerate. 1/2
— Ali Nizar (@DhekunuNizar) February 27, 2021
ދަރިވަރުންގެ ގިނަ ޝަކުވާތަކަކަށް އެއްވެސް ޙައްލެއް ނައިސް އެތައް ދުވަހެއް ވި ފަހުން ސަރުކާރުގެ ސަމާލުކަމަށް މިކަން އައިސް ކުރި ތަޙުގީގު ތަކަކަށް ފަހު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އެތަންވަނީ ގާނޫނާއި ޚިލާފުވެގެން 35000 ރުފިޔާއިން ޖުރުމާނާ ކޮށްފައެވެ. އޭގެ އިތުރުން އެސްކޫލުން ވަކި ކުރުމުގެ ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ. މިއާއެކު ޑޮލަރުން ފީ ނުނެގޭނެ ކަންވެސް އެސްކޫލަށް ވަނީ އަންގާފައެވެ.
ފްލައިން ސްކޫލްގައި ޓްރެއިނިން އަށް ބޭނުންކުރާ މަތިންދާ ބޯޓުތަކެއް މެއިންޓެނަންސް މައްސަލަތަކަކާހެދި ގްރައުންޑް ކޮށްފައި އޮތުމާއެކު ދަރިވަރުންގެ އުދުހުމުގެ ގަޑިތަކަށް ބުރޫއަރާފައިވާތީ މިކަންކަން ޙައްލު ކުރުމަށް ވެސް އެފަރާތަށް ވަނީ މިނިސްޓްރީން އަންގާފައެވެ.
އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލްގައި، ބޭނުންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން އެތައް ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓި، އެކަމާއި ގުޅިގެން ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަނީ ފްލައިންގ ސްކޫލްގެ ދަރިވަރުންނާއި ބައްދަލުކުރައްވައި، އެކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ކަމާއިބެހޭ މުޢައްސަސާތަކުން ފްލައިންގ ސްކޫލްގެ މައްސަލަ ބަލަމުންދާއިރު، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ފަށާފައެވެ.