English Edition
Dhivehi Edition
ބެންފީކާ ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކަށްފަހު މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަނެއް ބުރުން ޖާގަ ހޯދިއިރު، ލެސްޓާ ސިޓީ މި މުބާރާތުން ކަޓައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު، ޔުނައިޓެޑުން ގަދަ 16ގެ ބުރަށް ދަތުރުކުރީ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުން ހޯދީ މޮޅާއެކު 4-0ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ. އާސެނަލުން ރޭ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރި 3-2 އިންނެވެ. މި ނަތީޖާއާއެކު އާސެނަލަށް ކުރިލިބުނީ 4-3ގެ އެގްރިގޭޓުންނެވެ. ލެސްޓާ ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޗެކްރިޕަބްލިކްގެ ސްލާވިއާ ޕްރާގް މޮޅުވީ 2-0 އިންނެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ސޮސިއެޑާޑަށް ލީޑްނަގައިދިނުމަށް މިކޭލް އޮޔާޒަބާލް އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ސޮސިއެޑާޑްގެ އެންޑޮނީ ގޮރޮސަބޭލް އަށް ޕެނަލްޓީއޭރިޔާތެރެއިން ޔުނައިޓެޑްގެ ޑެނިއެލް ޖޭމްސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އޮޔާޒަބާލް ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑިމަތީން ބޭރަށެވެ.

އޭގެފަހުން، ޔުނައިޓެޑަށް ލީޑްނެގުމަށް އެންތަނީ މާޝިއަލް އާއި ބްރޫނޯ ފެނާންޑޭސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އަލެކްސް ޓެލޭސް ދިން ބޯޅައަކުން މާޝިއަލް ފޮނުވާލި ހަމަލާ ސޮސިއެޑާޑްގެ ކީޕަރު ރެމީރޯ މަތަކުރިއިރު، ފެނާންޑޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، ފެނާންޑޭސް ނަގައިދިން ހުރަހަކުން ޖޭމްސް ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ރެމީރޯ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާކަސް ރަޝްފޯޑް ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަ ކިރިޔާއެވެ. އޭގެ ފަހުން، މެޗުގެ 50 ވަނަ މިނެޓުގައި ސޮސިއެޑާޑަށް ލިބުނު ހިލޭޖެހުމަކުން އަދުނާން ޖަނުޒާއީ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ޕެނަލްޓީއޭރިޔާތެރޭގައި ހުރި ބަރެނެޓްޒެއާ ޖައްސާލި ޕާހަކުން ސަންޔާން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޔުއެފާ.ކޮމް

އޭގެފަހުން، ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ދިން ޕާހަކުން ވަރަށް ހަނިއޭންގަލަކުން މާޝިއަލް ފޮނުވާލި ބޯޅަ ވެސް ސޮސިއެޑާޑްގެ ކީޕަރު ރެމީރޯ މަތަކުރިއެވެ. އަދި އޭގެފަހުން، ފަހު ހާފުގައި ކުޅެން ނިކުތް ޔުނައިޓެޑްގެ ޑިފެންޑަރު އެކްސެލް ޓުއަންޒޭބޭ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ގޯލް ބަލައިނުގަންނަން ނިންމާފައެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުމަށް ހަމަޖެހިފައި އޮތް ދެވަނަ ލެގުގެ މެޗު މިވަގުތު އިނގިރޭސިވިލާތުގެ ލަންޑަންގައި ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން ކުޅެވޭނެ ގޮތެއް ނެތުމުން ކުޅުނީ ގްރީސްގައެވެ. އޮލިމްޕިއާކޯސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އާސެނަލުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އިނގިރޭސި ޒުވާން ވިންގާ ބުކާޔޯ ސާކާ ދިން ޕާހަކުން މިލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ބެންފީކާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ހިލޭޖެހުމަކުން ޑިއޮގޯ ގޮންސާލްވެސް އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 16 ވަނަ މިނެޓުގައި އާސެނަލްގެ ޑެނީ ސެބަޔޯސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބެންފީކާގެ ފެރޭރާ ޑަ ސިލްވާ ވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑްނަގައިދީފައެވެ. އޭގެ ހަ މިނެޓުފަހުން، ދެވަނަ ހާފުގައި ކުޅެން ނިކުތް ވިލިއަން ދިން ބޯޅައަކުން އާސެނަލްގެ ވާތު ފުލްބެކް ކިއެރަން ޓިއާނީ ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ސާކާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އޮބާމަޔަން ވަނީ އާސެނަލަށް ގަދަ 16ގެ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ނަޕޯލީގެ ދަނޑުގައި 2-1 އިން ގްރަނާޑާ އަތުން މޮޅުވިނަމަވެސް އެ ޓީމު ކެޓީ 3-2ގެ އެގްރިގޭޓުންނެވެ. އަޔެކްސް އެމްސްޓެޑަމްގެ ދަނޑުގައި 2-1 އިން ލިއްލޭ ބަލިކޮށް އަނެއް ބުރުން ޖާގަ ޔަގީންކުރިއިރު، އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ރެޑް ސްޓާ ބެލްގްރޭޑްއާ އެއްވަރުކޮށް 3-3ގެ އެގްރިގޭޓުން އެއްވަރުވިނަމަވެސް ރަށުން ބޭރުގައި ޖެހި ގޯލުން އަނެއް ބުރަށް ދަތުރުކޮށްފައެވެ. މީގެއިތުރުން، ނޯވޭގެ މޯލްޑޭ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެ ޖަރުމަނުގެ ހޮފެންހައިމް ވަނީ 5-3ގެ އެގްރިގޭޓާއެކު މުބާރާތުން ކަޓާފައެވެ.