English Edition
Dhivehi Edition

ޒަމާން ބަދަލުވެ ޒަމާނާއި އެއްގޮތަށް އިންސާނުންގެ ވިސްނުން އަންނަނީ ބަދަލުވަމުންނެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި ދަރިން ތަރުބިއްޔަތު ވަމުން އަންނަގޮތަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މައިންބަފައިންނާއި އާއިލާ، އެކަކު އަނެކަކަށް ކުރަމުން އައި އިޙްތިރާމާއި އޮންނަންޖެހޭ ލޯބި ވަނީ ނެތިގެން ގޮސްފައެވެ.

ގޯތީގެ މައްސަލަތަކާއި ފައިސާގެ މައްސަލަތަކުގެ އިތުރުން އެކަކު އަނެކަކަށް ލިބެމުންދާ ކާމިޔާބީއަށް ހަސަދަވެރިވާ ބޭބެމެންނާއި ކޮއްކޮމެން އާއިލާތަކުގައި ތިބެނީ މަދުންނެއް ނޫނެވެ. އާއިލާ ތެރޭ މައްސަލަ ނެތް އެއްވެސް އާއިލާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާއިލާ ތެރެއިން ފެށިގެން އެކުވެރިންނާއި އަވަށްޓެރިން ނެތިކޮށްލަން ސިހުރު ހާހޫރަ ހެދުމަކީ ޓްރެންޑް އެކެވެ. ޒިނޭކުރުން، މީހުން މެރުން، ވައްކަން ކުރުން އަދި މަގުފޭރުމަކީ އެންމެ އިތުބާރުކުރެވޭ މަގާމުތަކުގައި ތިބޭ މީހުން ކޮށްއުޅޭ ކަންތައްތަކަކަށް ވަނީ ވެފައެވެ. މިއީ އަހަރެމެންގެ މި ދިވެހި މުޖުތަމަޢުގައި ފެންނަން ހުރި އެންމެ ނޭދެވޭ މައްސަލަތެކެވެ.

މިދެކެވުނު ވާހަކަތަކަކީ ކޮންބައެއްގެ އިހުމާލުން ހިނގަން މަގުފަހިވާ ކަންތައްތަކެއްތޯ ބަލާލަމާތޯއެވެ. ދަރިންދެކެ ލޯބިވާކަން ބަޔާން ކޮށްދިނުމުގައި ހައްދެއް ހުދޫދެއް އޮންނަންވާނެވެ. ލޯބިވާކަން ބަޔާކޮށްދިނުމުގެ ނިޔަތުގައި ކުޑައިރުއްސުރެ ހަދިޔާގެ ގޮތުގައި ހޯދައިދެވޭ ބައެއް ތަކެތީގެ ސަބަބުން ދަރިންނަށް ނޭދެވޭ އަސަރުކުރާކަން އެނގެނީ ކިތައް މައިންބަފައިންނަށްތޯއެވެ. ފޯނު، ޓެބްލެޓް، ކޮމްޕިއުޓަރު ފަދަ ތަކެތި ކުދިންނަށް ހޯދައި ދިނުމަށްފަހު އެއެއްޗެހީގެ ބޭނުން އެކުދިން ކުރަނީ ކިހިނެއްތޯ ބަލަނީ ކިތައް ބެލެނިވެރިންތޯއެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެކުދިން އިންޓަރނެޓްގައި ކުރާ ކަންކަން ބަލަނީ ކިތައް ބެލެނެވެރިންތޯއެވެ. މިއީ ބެލެނެވެރިންގެ އިޙުމާލުން ދަރިން މަގުފުރެދި ގެއްލިގެންދާ ފުރަތަމަ މަރުހަލާއެވެ.

ސިޔާސީ ކަންކަން ބޮއްސުން ލައިގެން ގޮސް ބަނޑުގައި އޮތް ދަރިއާއި ހަމައަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ އިރު، 2021 ވަނަ އަހަރު އަހަރުމެންނާ ބައްދަލުކުރިއިރު އޭރު ނުހިނގާ ކިތައް ކަންތައްތަކެއް މިހާރު އެބަ ހިނގާ ތޯއެވެ. އެކަކު އަނެކަކުގެ ބޮލަށް ފައިން އަރައި ކުރިއަށް ދާން މަސައްކަތްކުރަނީ ކިތައް މީހުންތޯއެވެ. ފައިސާގެ ދަހިވެތިކަމުގައި މާރާމާރީ ހިންގުމާއި މީހުން މަރަމުން ދުވަނީ ކިތައް ޒުވާނުން ތޯއެވެ. ކަންމަތީ ފިހާރައިން ވިއްކާ ފޯއް ޕެކެޓް ހާ ފަސޭހައިން މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް އެތަކެތި ލިބޭކަން އެނގެނީ ކޮން ބަޔަކަށްތޯއެވެ. އަދި ޒުވާން ޖީލު މިހުރިހާ ކަމެއްގެ ތެރޭގައި ގެންގުޅޭކަން އެނގެނީ ކިތައް މީހުންނަށް ތޯއެވެ.

ފާހަގަކުރެވުނު ހުރިހާ ކަންކަމީ ވެސް އަހަރުމެންގެ ދިވެހިރާއްޖޭގައި ހިނގަމުންދާ، ފެންނަމުން އަންނަ ހިތާމަވެރި ކަންކަމެވެ. ބެލެނިވެރިންގެ އިހުމާލުން ފެށިގެން ސަރުކާރުގެ އިދާރާތަކުގެ ދޯހަޅި ޤަވާޢިދުތަކާއި ޤާނޫނުތަކުގެ އަތްމަތީ ދަރިންގެ މުސްތަޤުބަލު އޮތްއިރު، ލަސްނުކޮށް ޤާނޫނާއި ޤަވާޢިދުތަކަށް ބޯލަބައި އިސްލާމީ ރިވެތި އާދަތައް އަހަރުމެންގެ ދަރިންގެ ގައިގައި އަށަގަނެވޭތޯ މަސައްކަތްކުރަމާ ހިނގާށެވެ.

މާދަމާ ޤައުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ޒިންމާތައް ހަވާލުކުރެވޭ ބަޔަކީ މަސްތުވާތަކެތިން ހަލާކުވެފައި ތިބި ބަޔަކު ކަމުގައި ނަހަދަމާތޯއެވެ. ޤައުމުގެ އިސް މަޤާމުތަކާއި ހަވާލުވާން ތައްޔާރު ކުރަމުންދާ ދަރިންނަކީ ފައިސާއަށް ދަހިވެތިވެފައިވާ ބަޔަކަށް ނަހަދަމާތޯއެވެ. މިހުރިހާ ކަންކަން މި ހިނގަނީ އެންމެ ރަނގަޅަށްތޯ ބަލަން އެކަނި އިނދެ ވިސްނާލާށެވެ. ފަރުދީގޮތުން ޤައުމަށްޓަކައި ތިބާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި ފަރުދީ ޒިންމާ އަދާކުރަމާތޯއެވެ.

1 ކޮމެންޓް
ފަރީދު
މާޗް 2, 2021
ރަނގަޅު ވާހަކައެއް