English Edition
Dhivehi Edition
ރޭގެ މެޗުގައި އެޓަލާންޓާ ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ސިޓީއާ ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބަކްގެ މައްޗަށް ހަންގޭރީގައި ކުޅުނު މެޗުން 2-0 އިން ސިޓީ މޮޅުވިއިރު، އެޓަލާންޓާގެ ދަނޑުގައި 1-0 އިން ރެއާލް ވަނީ މޮޅުވެފައެވެ.

މުންޗެންގްލަޑްބަކްގެ ދަނޑުގައި ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗު، ޖަރުމަނުގެ ސަރުކާރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިނގިރޭސިވިލާތުން އަންނަ މީހުންނަށް އެ ގައުމަށް އެތެރެވެވޭނެ ގޮތެއް ނެތުމުން ރޭ އެ މެޗު ކުޅުނީ ހަންގޭރީގެ ބުޑަޕެސްޓްގައެވެ.

ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ރޭ ކުޅުނު މި މެޗުގައި ސިޓީން ލީޑްނެގީ 29 ވަނަ މިނެޓުގައި ޕޯޗުގަލްގެ ތަރި ބެނާޑޯ ސިލްވާ އެވެ. މިއީ އެ ޓީމުގެ ޔާއޯ ކަންސޭލޯ ދިން ބޯޅައަކުން ސިލްވާ ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ސިޓީ އަށް ލީޑްނަގައިދިނުމަށް ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ މުންޗެންގްލަޑްބަކްގެ ކީޕަރު ޔަން ސޮމާ މަތަކުރިއެވެ.

ބޮރޫޝިއާ މުންޗެންގްލަޑްބަކްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ދެވަނަ ހާފުގެ ކުރީކޮޅު، މުންޗެންޑްލަޑްބަކް އަށް އެއްވަރުކޮށްދިނުމަށް އަލަސާނޭ ޕްލެއާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ސިޓީން ވަނީ މެޗުގެ 65 ވަނަ މިނެޓުގައި ސިލްވާ ތަނަވަސްކުރި ފުރުޞަތަކުން ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ވައްދާލި ލަނޑުން ލީޑް ފުޅާކޮށްފައެވެ. އޭގެފަހުނ،ް ސިޓީގެ ލީޑް އިތުރަށް ފުޅާކުރުމަށް ފޯޑެން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށް ދިޔައިރު، މެޗުގެ އިތުރުވަގުތުގައި މުންޗެންގްލަޑްބަކްގެ ހާންސް ވުލްފް ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް ވަނީ މަތަކޮށްފައެވެ.

މި މުބާރާތުގައި ރޭ އެޓަލާންޓާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ރަސްގެފާނު ކަމަށްވާ ރެއާލުން ނިކުތްއިރު އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވުމެވެ. އެ ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި، ކެޕްޓަން ސާޖިއޯ ރާމޯސް، ކަރީމް ބެންޒެމާ، އެޑެން ހަޒާޑް، ޑެނީ ކަރްވަހާލް، ފެޑެރީކޯ ވަލްވާޑޭ، އަލްވާރޯ އޮޑްރިއޮޒޯލާ، އެޑާ މިލިޓާއޯ، މާސެލޯ އަދި ރޮޑްރީގޯ ހިމެނެއެވެ.

އެޓަލާންޓާ އަށް ރޭގެ މެޗުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ރެއާލްގެ ފްރާންސް ފުލްބެކް ފާލަންޑް މެންޑީ އަށް އެ ޓީމުގެ ރެމޯ ފްރެއޮލާ ކުރި ފައުލަކަށް ރެފްރީ ސީދާ ރަތެއް ދެއްކުމުން މެޗުގެ ބޮޑު ބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. މީގެއިތުރުން، އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ކޮލަމްބިއާގެ ފޯވާޑް ޑުވާން ޒަޕާޓާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވެފައިވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ރެއާލަށް ކާމިޔާބުކޮށްދިނީ މެންޑީ އެވެ. އޭގެކުރީން، ރެއާލަށް ލީޑްނަގައިދިނުމަށް އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް އެޓަލާންޓާގެ ގޯލްކީޕަރު ޕިއެރްލުއިޖީ ގޮލީނީ މަތަކުރިއެވެ.