ވަރަށް ތަފާތު ހާދިސާއެއްގެ މައްޗަށް ބިނާކޮށް 2015 އަހަރު ގެނެސްދިން ފިލްމު “ދުރިޝަމް” ގެ ސީކްއެލް ހަދަން ނިންމައި އެކަން އިއުލާންކޮށްފައިވާއިރު މި ފަހަރުގެ ފިލްމުގައިވެސް އެކްޓަރު އަޖޭއާއި ބަތަލާ ތައްބޫ ފެނިގެންދާނެކަމުގެ އުއްމީދު މި ވަނީ އާވެފައެެވެ.
މިދިޔަ އަހަރު މަރުވި ޑައިރެކްޓަރު ނިޝިކާންތު ކަމަތު 2015 ގައި ގެނެސްދިން ދުރިޝަމް އަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ އިރު މި ފިލްމަކީ 2013 ގައި ހަމަ އެ ނަމުގައި ގެނެސްދިން މަލަޔާޅަމް ފިލްމެއްގެ ރިމޭކެކެވެ. މަލަޔާޅަމް ފިލްމުގެ ދެވަނަ ބައި މި މަހުގެ 19 ވަނަ ދުވަހު އޮންލައިންކޮށް ރިލީޒްކޮށްފައިވާއިރު އެ ފިލްމުގެ ހިންދީ ރިމޭކެއް ގެނެސްދިނުމަށް މިހާރު ވަނީ ތައްޔާރުވާން ފަށާފަައެވެ.
ޕްރޮޑިއުސަރު ކުމާރު މަންގަތް، މިފިލްމުގެ ހިންދީ ރިމޭކެއް އުފެއްދުމަށް ފިލްމުގެ ރައިޓްސްތައް ގަނެފައިވާއިރު އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ މިހާރު މި ފިލްމު ކުޅުމަށް އަޖޭ އާއި ތައްބޫ އެއްބަސްވެފައިވާކަމަށް ބުނެފައެވެ.މީގެ އިތުރުން މި ފިލްމުންވެސް ކުރީގެ ފިލްމުން ފެނުނު ގިނަ ތަރިން ފެނިގެންދާނެކަމަށް މީޑީއާ ރިޕޯޓްތައް ބުނެފައިވާއިރު އަޖޭގެ އަންހެނުންގެ ރޯލު ކުޅުނު ޝްރިޔާ އާއި ދަރިފުޅުގެ ރޯލު ކުޅުނު އިޝިތާ ދައްތާ ވެސް ސީކްއެލް އިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑީއާ ރިޕޯޓްތައްވަނީ ބުނެފައެވެ. އަދި މި ފިލްމުގައި ފެނިގެން ދަނީ ކުރީގެ ފިލްމުގައި ހިނގި ހާދިސާ އާއި ގުޅިގެން ދެން އެމީހުންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެއް ކަމަށްވެސް މީޑިއާތަކުންވަނީ ބުނެފައެވެ.
“ދުރިޝަމް 2” ގެ ހިންދީ ރިމެކް ޑައިރެކްޓްކުރާނެ ކަމަށް ބެލެވެނީ އޭގެ ތަމަޅަ ދެ ފިލްމު ވެސް ޑައިރެކްޓްކުރި ޖީތޫ އެވެ.
ދްރިޝަމްއަކީ އާދައިގެ ދިރިއުޅުމެއް އުޅޭ އާއިލާއެއްގެ އަންހެން ކުއްޖަކަށް ޒުވާނަކު ބިރު ދައްކައި ބްލެކްމެއިލްކުރަމުގެ ތެރޭގައި ހިނގާދިޔަ ހާދިސާއެއްގައި އެ ޒުވާނާ އެމީހުން އަތުން މަރުވުމުން އެކަން ސިއްރުކުރުމަށް އެ އާއިލާއިން ކުރާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ. އަދި އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ ބައްޕައަކު އޭނާގެ އާއިލާ ސަލާމަތްކުރުމަށް ވާ ގުރުބާނީ އާއި ބާރާއި ނުފޫޒުގަދަ އަންހެން ފުލުހަކު އޭނާގެ ދަރިފުޅު ހޯދުމަށް ކުރާ މަސައްކަތް މި ފިލްމުގައި ވަނީ ފެނިގެން ގޮސްފައެވެ.