އައްޑޫސިޓީގައި 4 މީހަކަށް ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދެއެވެ. ރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ޢާއްމުކުރި މަޢުލޫމާތުތަކަށް ބަލާއިރު އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އަށް ހިތަދޫއިން އިތުރު އެކަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.
އިއްޔެ އިތުރު 3 މީހަކު މިބަލިން ރަނގަޅު ވެފައިވާއިރު އައްޑޫސިޓީގައި ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދަކީ 47 އެވެ. އައްޑޫ ސިޓީ އިން ޖުމްލަ 77 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި ހިމެނެނީ ހިތަދޫގެ 22 މީހުންނާއި މަރަދޫފޭދޫގެ 4 މީހަކާއި ފޭދޫގެ 17 މީހުންނާއި އެމްޓީސީސީގެ 26 މީހެއްގެ އިތުރުން މީދޫން ޕޮޒިޓިވް ވެފައިވާ 8 މީހުންނެވެ. ބަލިޖެހުނު ގިނަ މީހުން ބަލިން ފަސޭހަވެފައިވާއިރު މިހާރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ ތިރީހެވެ.
އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 403 މީހަކު ފާހަގަކުރެވިފައިވާ ކަމަށް އޭއީއޯސީން ވަނީ ހާމަކޮށްފަ އެވެ.
އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ ވަނީ 58 ސާމްޕަލް ނަގާފައެވެ. މިއަދަދާއެކު މިހާތަނަށް ނެގި ސާމްޕަލްގެ ޖުމްލަ ޢަދަދު 2812 އަށް އަރައެވެ. އައްޑުސިޓީގައި މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވި ޖުމްލަ މީހުންގެ ޢަދަދަކީ 77އެވެ. މިބަލީގެ ކޭސްތަކާއި ގުޅިގެން އައްޑުސިޓީގެ 118 ތަނެއް ވަނީ ކަރަންޓީން ކޮށްފައެވެ.
ވޭތުވެދިޔަ 2 ހަފްތާއެއްހާ ދުވަހުގެ ތެރޭ އައްޑޫސިޓީ ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުވަނީ ލުއިދީފައެވެ. އެގޮތުން ހުޅުދޫމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އިއުލާންކޮށްފައި އޮތް ކާފިއު އާއި އެހެނިހެން ފިޔަވަޅުތައް އުވާލާފައި ވެއެވެ. ހުޅުދޫމީދޫގައި ވަނީ އިތުރު 7 ދުވަހަށް ފިޔަވަޅުތައް ދަންމަން ނިންމާފައެވެ.