English Edition
Dhivehi Edition

މީދޫ ނެރު ކެނޑުމުގެ މަސައްކަތް މިއަންނަ މަހު(އޮކްޓޯބަރ) މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.

އައްޑޫގެ ރައްތަކުގައި ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ބައްލަވާ ލެއްވުމަށް އިއްޔެ މިނިސްޓަރ އައްޑޫއަށް ކުރެއްވި ދަތުރު ފުޅުގައި އިއްޔެ ހަވީރު ވަނީ އައްޑޫ ސިޓީ މީދޫ ނެރު ކެނޑުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލައްވާފައެވެ. އެގޮތުން އެސަރަހައްދުގައި ހުންނަވަގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅު ވެފައިވަނީ، މިއަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނެރުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށެވެ. އަދި މަސައްކަތް ނިންމާ ނެރު ބޭނުން ކުރެވޭނެ ގޮތް ހަދާ ދެއްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ ނެރު ކަނޑަން ގޮއްވާ ސަރަހައްދު ހަރުކޮށް އޮންނާތީ މަސައްކަތަށް ވަނީ މަޑު ޖެހުންތަކެއްވެސް އައިސްފައި ކަމަށެވެ. ނަމަވެސް މިހާރު އެންވައިރޮމެންޓް މިނިސްޓްރީގެ އީ.އައި.އޭ ހުއްދައާއި އެކު މަސައްކަތް ކުރިއަށްދާ ކަމަށާއި އަދިވެސް އެއްފަހަރު ނެރު ގޮއްވަން ޖެހޭ ކަމަށެވެ. އަދި ނެރުގެ ގޮއްވަންޖެހޭ ހިސާބު ގޮއްވުމަށްފަހު ދޮޅު މަސް ދުވަހުގެ ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީދޫ ނެރު ކެނޑުމުގެ މަސައްކަތަކީ، މަސް ދޯނިފަހަރާއި އެހެނިގެން ކަނޑު އުޅަނދު ފަހަރު ދަތުރުކުރަންޖެހޭ މަގުކުރުވެ، ތެލުގެ ޚަރަދުތައް ކުޑަވެ، އިޤްތިސާދީ އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށާއި، މިމަސައްކަތް ކުރިއަށްގެންދަނީ، މީދޫގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ނެރު ކެނޑުމުގެ ސަބަބުން އައްޑޫ އާއި ފުވައްމުލަކު ސިޓީ އާއި ދެމެދު ކުރެވޭ ދަތުރުތަށް ވެސް އަވަސްވެގެން ދާނެ ކަމަށް މީދޫ ރައްޔިތުންވަނީ ފާހަގަ ކޮއްފައެވެ.

އައްޑޫ މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އާއި މީދު އާ ދޭތެރޭ ނެރު ކަނޑަން ފަރު ގޮއްވާލުމުގެ މަސައްކަތް ފަށާފައިވަނީ އީޕީ.އޭގެ ހުއްދަ އާއި އެކުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ތެރޭގައެވެ. ނަމަވެސް ގިނަ ސިޔާސީ ފަރާތްތަކުން ފާޑު ކިޔުމާ ގުޅިގެން މީދޫ ރައްޔިތުން ވަނީ މީދޫ ރައްޔިތުން އެކަން ބޭނުންވާ ކަމަށް ބުނެ އަޑު އުފުލާފައެވެ.

ޓެގު