އައްޑޫ ފްލައިން ސްކޫލު ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކަައިގެ ކޮމެޓީން ވަނީ ދިރާސާކޮށް ރިޕޯޓެއް ތައްޔާރު ކޮށްފަ އެވެ. އަދި ރިޕޯޓާ ގުޅޭގޮތުން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ ބަހުސް ކޮށްފަ އެވެ.
ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި ފްލައިން ސްކޫލާމެދު ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައިވާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ނެތުމާއި ގާބިލްކަން ނެތުން ހިމެނެ އެވެ. މީގެ އިތުރުން ދަރިވަރުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންވުމާއި ދަރިވަރުންނަށް ފުރައްސާރަކޮށް ތަފާތު ކުރާކަން ވެސް އެ ރިޕޯޓްގައިވަނީ ހިމަނާފައި ވެއެވެ.
އެ ރިޕޯޓްގައި ކުރަން ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި އޭޝިއަން އެކެޑަމި އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ކިބައިން ދަރިވަރުންނަށް ބަދަލު ހޯދައި ދިނުމާއި އެކުދިންނަށް ކިޔެވޭނެ ގޮތްތައް ހޯދައިދީ ސްކޫލް ޖަވާބުދާރީ ކުރުވުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެފަދަ އިންސްޓްޓިއުޓެއް ހިންގަން ހުއްދަ ދޭއިރު ހަރުދަނާ ގަވައިދުތަކެއް ހެދުން ހިމެނެ އެވެ.
އެ ރިޕޯޓްގައި ލަފާދީފައިވާ ކަންތައްތައް ތަންފީޒު ކުރަން އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި 46 މެމްބަރުން ވަނީ ފެންނަ ކަމަށް ވޯޓުދެއްވާފައެވެ.