English Edition
Dhivehi Edition
ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން. --ފޮޓޯ: ގެޓީ އިމޭޖަސް

ލިވަޕޫލްގެ ކެޕްޓަން އަދި އިތުބާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އަށް އަނިޔާވެ އެ ޓީމަށް އިތުރު މައްސަލަތައް ކުރިމަތިވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ހެންޑަސަންގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ވާދަވެރި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ.

ބެލެވޭގޮތުގައި މި އަނިޔާގެ ސަބަބުން ހެންޑަސަން އަށް ކުރިއަށް އޮތް 4 މެޗުގައި ނުކުޅެވޭނެއެވެ. މިވަގުތު އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ހެންޑަސަން ކުޅެމުން އަންނަނީ ސެންޓްރަލް ޑިފެންސްގައެވެ.

ފަހަކަށް އައިސް ލިވަޕޫލުން ލީގުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްގެ އިތުރުން އެ ޓީމުގެ ކުޅުންތެރިންނަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމަކާއެކު ލީގު ކާމިޔާބުކުރި ލިވަޕޫލުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާއިރު، ލީގުގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެމެދު 19 ޕޮއިންޓްގެ ފަރަގެއް އޮތްއިރު ލިވަޕޫލް އޮތީ ތާވަލްގެ ހަވަނައިގައެވެ.

ހެންޑަސަންގެ އިތުރުން އެ ޓީމުގައި އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ވާޖިލް ވެން ޑައިކް، ޖޯ ގޯމޭޒް، ޖޮއެލް މަޓިޕް އާއި ޖޭމްސް މިލްނާ ހިމެނެއެވެ. މީގެއިތުރުން، ފަބީނިއޯ އާއި ޑިއޮގޯ ޔޮޓާ ވެސް ހުރީ އަނިޔާގައެވެ.

ލިވަޕޫލަށް ދެން އޮތީ އަންނަ މާރިޗް މަހުގެ 1 ވަނަ ދުވަހު ލީގުގެ އެންމެ ފުލުގައި އުޅޭ ޝެފީލްޑް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.