English Edition
Dhivehi Edition
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ނުވަވަނަ ފަހަރަށް ކާމިޔާބުކުރުމަށްފަހު ސާބިއާގެ ނޮވަކް ޖޮކޮވިޗް އެ މުބާރާތުގެ ތަށްޓާއެކު. --ފޮޓޯ: ޓުވިޓާ

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ރަޝިޔާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އެ މުބާރާތުގެ ޗެމްޕިއަންކަން ނުވަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މިފަހަރުގެ ތަށްޓާއެކު ޖޮކޮވިޗް ވަނީ 18 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ. މިހާތަނަށް ގްރޭންޑް ސްލޭމް އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށްފައިވަނީ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ އާއި ސްޕެއިނުގެ ރަފައެލް ނަޑާލް އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން 20 ފަހަރު ހޯދައިފައެވެ.

މީގެއިތުރުން، ޖޮކޮވިޗް ވަނީ މިފަހަރުގެ މުބާރާތުގެ ތަށްޓާއެކު އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން އަހަރު ދެ ފަހަރު މަތީން ކާމިޔާބުކޮށްފައެވެ. މީގެކުރީން، އޭނާ ވަނީ 2008، 2011، 2012، 2013، 2015، 2016 އާއި 2019 އަދި 2020 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ.

އުމުރުން 33 އަހަރުގެ ޖޮކޮވިޗް މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ، އިއްޔެ ރޮޑް ލޭވާ އެރީނާގައި ކުޅުނު ފައިނަލްގައި ހަތަރުވަނަ އަށް ސީޑްކުރެވިފައިވާ މެޑްވެޑޭވްއާ ދެކޮޅަށް 1 ގަޑިއިރާއި 53 މިނެޓަށް ދިގުދެމިގެންދިޔަ މެޗުގައި ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. މި މެޗުގެ ސެޓްތައް ޖޮކޮވިޗް ގެންދިޔައީ 7-5، 6-2 އަދި 6-2 އިންނެވެ.

މިއީ މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލްގައި ވާދަވެރި ނަޑާލް އަތުން ބަލިވިފަހުން ޓެނިސް މުބާރާތެއްގައި ފައިނަލަށް ޖޮކޮވިޗް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރީން، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކުޅެވުނު އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ގްރޫޕް ސްޓޭޖްގައި މި ދެ ކުޅުންތެރިން ބައްދަލުކުރި މެޗުން މެޑްވެޑޭވް ކުރިހޯދާފައިވާއިރު، މި މެޗާ ހަމައަށް ބަލިނުވެ ޖެހިޖެހިގެން 20 މެޗު ހަމަކުރި މެޑްވެޑޭވް ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ.

މީގެއިތުރުން، މި މެޗުން ބަލިވުމާއެކު އުމުރުން 25 އަހަރުގެ މެޑްވެޑޭވް ވަނީ ގްރޭންޑް ސްލޭމް ފައިނަލްގައި މިހާތަނަށް ވާދަކުރި ދެ ފަހަރުވެސް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. މީގެކުރީން، 2019 ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލްގައި ނަޑާލްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މެޑްވެޑޭވް ވަނީ ބަލިވެފައެވެ.