English Edition
Dhivehi Edition
ލިވަޕޫލް ކޮޅަށް ލަނޑުޖެހުމަށްފަހު އެވަޓަންގެ ފޯވާޑް ރިޗާލިސަން (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި ލިވަޕޫލްގެ ދަނޑުގައި 2-0 އިން އެވަޓަން މޮޅުވިއިރު، ރަށުން ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިއީ ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ލިވަޕޫލްގެ ދަނޑުގައި އެވަޓަން އަތުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، ރޭގެ މެޗާއެކު ލިވަޕޫލުން ވަނީ 1923 އަހަރުގެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 24 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 10 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. ރޭގެ މެޗުން ބަލިވި ލިވަޕޫލް އޮތީ 40 ޕޮއިންޓާއެކު ހަވަނައިގައެވެ. އެވަޓަން އަށް ވެސް އެއް މެޗު މަދުން ކުޅެގެން މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ 43 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެވަޓަން އިން ލީޑްނެގީ ރިޗާލިސަން ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައަކުން ރިޗާލިސަން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއިރު، އެވަޓަންގެ ލީޑް ފުޅާކުރުމަށް ސީމަސް ކޯލްމަން ބޮލުން ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއެވެ. މި ހާފުގައި ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރުމުން އެ ޓީމަށް އިތުރު މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ޗެލްސީއާ ދެކޮޅަށް ސައުތެމްޓަން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ދެވަނަ ހާފުގެ ކުޅުން ފެށިގެން ނަތީޖާ ހަމަހަމަކުރުމަށް ލިވަޕޫލަށް ރަނގަޅު ފުރުޞަތުތަކެއް ވަނީ ލިބިފައެވެ. އެކަމަކު، އެ ޓީމުގައި ހިމެނޭ މިސްރުގެ ތަރި މުހައްމަދު ސަލާހު އާއި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަދި ސެނެގޯލްގެ ސަޑިއޯ މާނޭ ފޮނުވާލި ހަމަލާތައް އެވަޓަންގެ ކީޕަރު ޕިކްފޯޑް ހުށިޔާރުކަމާއެކު މަތަކުރިއެވެ.

މި މެޗުގައި އެވަޓަން އިން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގިލްފީ ސިގަޑްސަން އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފޯވާޑް ޑޮމިނިކް ކެލަވަޓް-ލެވިން އަށް ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހުގައެވެ.

ސޭންޓް މޭރީސް ސްޓޭޑިއަމްގައި ރޭ ޗެލްސީއާ ދެކޮޅަށް ސައުތެމްޓަން ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލީޑްނެގީ ލިވަޕޫލުން ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ޖަޕާނުގެ ވިންގާ ޓަކޫމީ މިނަމީނޯ އެވެ. މިއީ އެ ޓީމުގެ ނޭތަން ރެޑްމަންޑް ދިން ބޯޅައަކުން މިނަމީނޯ ކާމިޔާބުކުރި ރީތި ގޯލެކެވެ. ޗެލްސީން އެއްވަރުކުރި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މޭސަން މައުންޓް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ޗެލްސީގެ މައުންޓަށް ސައުތެމްޓަންގެ ފޯވާޑް ޑެނީ އިންގްސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، ސައުތެމްޓަން މޮޅުކޮށްދިނުމަށް ލިބުނު ފުރުޞަތުގައި ޑެންމާކްގެ ޑިފެންޑަރު ޔަނިކް ވެސްޓަގާޑް ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ނިކުންނަ މެޗާއި، ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގެ އިތުރުން އެސްޓަން ވިލާއާ ލެސްޓާ ސިޓީ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.