English Edition
Dhivehi Edition
އައްޑޫސިޓީގެ ގެއެއްގައި ވިއްސާރަވެ ފެންބޮޑުވެފައި/ފޮޓޯއޭއޯ ނިއުސް

ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅަށް މޫސުން ގޯސްވެފައިވާތީ ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ވިދާޅުވީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ދެކުނުގެ ހުރިހާ އަތޮޅުތަކުންވެސް މޫސުމަށް ސަމާލުވެ ތިބުމަށެވެ.

މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތުން ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އުތުރާއި އިރު އުތުރުން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައެވެ. އެހެން ހިސާބު ތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. މެދު ރާއްޖޭގެ އަތޮޅުތަކުގެ ކަނޑު ތައް އާދައިގެ ވަރަކަށް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

އިއްޔެ އިން ފެށިގެން މެދު ނުކެނޑި ވާރޭވެހި އައްޑޫސިޓީގެ މަގުތައްވެސް ވަނީ ފެންބޮޑުވެފައެވެ. އައްޑޫސިޓީއަށް ވާރޭ ވެހެން ފެށި މިދަނޑިވަޅަކީ ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި އޮތުމުގެ ސަބަބުން ގޭގޭގެ ވާރޭފެން ތާނގިތައް ހުސްވާން ކައިރި ވެފައި ވާ ދަނޑިވަޅެއްކަމުން ސާފު ބޯފެން ނަގާ ރައްކާކުރުމަށް މިއީ ރަނގަޅު ފުރުސަތެކެވެ. ވިއްސާރަވެ ބޯކޮށް ވާރޭވެހުމުން އައްޑޫސިޓީގައި އަބަދުވެސް ދިމާވަމުން އަންނަ ފެންބޮޑުވުމުގެ މައްސަލަ މިއަދުވެސް ވަނީ ކުރިމަތިވެފައެވެ. ވަޅުތަކާއި މަގުތައް ފުރި ގޭގޭގެ އެތެރެއަށް ފެންވަދެފައިވާއިރު މި ވިއްސާރަ ދިގުލައިގެން ގޮސްފިނަމަ މިފަހަރު ވެސް ބައެއް ގޭގެއަށާއި ތަކެއްޗަށް ގެއްލުން ވާނެ ކަމަށް ބެލެވެއެވެ.