ޖަރުމަން ބުންޑެސްލީގާގައި މިރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އެއިންޓްރަކް ފްރޭންކްފާޓް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވެއްޖެއެވެ. މި މެޗުން ފްރޭންކްފާޓް މޮޅުވީ 2-1 އިންނެވެ.
މި މޮޅާއެކު ފްރޭންކްފާޓް ވަނީ ލީގުގައި ބަލިނުވެ 11 މެޗު ހަމަކޮށްފައެވެ. އޭގެތެރެއިން، ނުވަ މެޗުން މޮޅުވިއިރު ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އެ ޓީމު ލީގުގައި އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 12 ވަނަ ދުވަހު ރަށުން ބޭރުގައި ވުލްފްސްބާގާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މި ނަތީޖާއާއެކު ބަޔާނަށް ލީގުގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއްނެގުމަށް ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ބަޔާނަށް ކުޅުނު 22 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ދެވަނައިގައި 21 މެޗުން 44 ޕޮއިންޓާއެކު އޮތް އާރްބީ ލީޕްޒިގަށް މާދަމާ ރޭ ރަށުން ބޭރުގައި ހާތާ ބާލިންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ދެ ޓީމުގެ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެބައޮތެވެ. ތިންވަނައިގައި އޮތް ވުލްފްސްބާގް އާއި ހަތަރުވަނައިގައި އޮތް ފްރޭންކްފާޓަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. ފައިދާގޯލްގެ ތަފާތުން ކުރިލިބެނީ ވުލްފްސްބާގް އަށެވެ.
ބަޔާނުން މިރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވުމެވެ. އެގޮތުން، އެ ޓީމުގެ އަނިޔާގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރޭގައި ބެންޖަމިން ޕަވާޑް، ކޮރެންޓިން ޓޮލީސޯ، ޑަގްލަސް ކޮސްޓާ އަދި ސާޖް ނެބްރީ ހިމެނެއެވެ. އަދި އެ ޓީމުގެ އަބަދަށްފެހި މިޑްފީލްޑަރު ތޯމަސް މުލާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީވެ، އެންމެ ފަހުން ކުޅުނު މެޗުތަކުގައި ކުޅެފައެއްނުވެއެވެ.
ފްރޭންކްފާޓްގެ ކޮމާޒްބޭންކް އެރީނާގައި މިރޭ ކުޅެވުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ޑައިޗީ ކަމާޑާގެ ގޯލުން އެ ޓީމު ލީޑްނަގާފައިވާއިރު، އަމީން ޔޫނުސް ވަނީ 31 ވަނަ މިނެޓުގައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ހާފުގައި ބަޔާންގެ ޖޯޝުއާ ކިމިޗްގެ އިތުރުން ކިންގްސްލީ ކޯމަން އަދި ލެރޯއީ ސާނޭ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ބަޔާނުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށްފައިވާއިރު، މި ހާފުގެ ކުޅުން ފެށިގެން 8 ވަރަކަށް މިނެޓުގެ ތެރޭގައި ސާނޭ ތަނަވަސްކުރި ފުރުޞަތަކުން ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެފަހުން، ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ލެއޮން ގޮރެޓްޒްކާ އާއި ސާނޭގެ އިތުރުން ކޯމަން އަށް ލިބުނު ފުރުޞަތުތައް ވެސް ވީ ބޭކާރެވެ. އަދި އޭގެފަހުން، ފްރޭންކްފާޓްގެ ލީޑް ފުޅާކުރުމަށް ކަމާޑާ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.