މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ވިމެންސް ސިންގަލްސް ފައިނަލްގައި ދުނިޔޭގެ ރޭންކިންގެ 22 ވަނައިގައި އޮތް ޖެނީފާ ބްރޭޑީ ބަލިކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ޖަޕާނުގެ ނައޯމީ އޮސާކާ ހޯދައިފިއެވެ.
މިއީ އުމުރުން 23 އަހަރުގެ އޮސާކާގެ ކެރިއަރުގައި އުފުލާލި ހަތަރުވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. މީގެކުރީން، އޭނާ ވަނީ 2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ އިތުރުން 2018 އާއި 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަން ވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރި ހަތްވަނަ މުބާރާތެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދެވަނަ އަށް ސީޑްކުރެވިފައިވާ އޮސާކާ ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލްގައި އެމެރިކާގެ ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްގެ މައްޗަށް 6-3، 6-4 އިން ކުރިހޯދައިގެންނެވެ. މުޅީން އަލަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދި ބްރޭޑީ ވަނީ ސެމީގައި ޗެކް ރިޕަބްލިކްގެ ކެރޮލީނާ މުޗޯވާއާ ދެކޮޅަށް ތިން ސެޓް ކުޅެގެން 6-4، 3-6 އަދި 6-4 އިން މޮޅުވެފައެވެ.
ރޮޑް ލޭވާ އެރީނާގައި މިއަދު ކުޅެވުނު ފައިނަލް މެޗުގައި އޮސާކާ ވަނީ 6-4، 6-3 އިން ބްރޭޑީގެ މައްޗަށް ކުރިހޯދާފައެވެ. މީގެކުރީން، މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ސެމީގައި މި ދެ ކުޅުންތެރިން ބައްދަލުކުރި މެޗު ވެސް ކާމިޔާބުކުރީ އޮސާކާ އެވެ. މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލްގައި ހޯދި މޮޅާއެކު އޮސާކާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގްރޭންޑް ސްލޭމް ފައިނަލެއްގައި އޭނާ ބަލިނުވުމުގެ ރެކޯޑް ދެމެހެއްޓުމެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލް މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗްއާ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަޝިޔާގެ ޑެނީލް މެޑްވެޑޭވް އެވެ.
4-0 in Grand Slam finals 🏆@naomiosaka | #AusOpen | #AO2021 pic.twitter.com/6eQFXDqmYD
— #AusOpen (@AustralianOpen) February 20, 2021