English Edition
Dhivehi Edition
ރޭ ކެފޭއެއްގެ ތެރޭ ހުރި ނޫސްވެރިއަކު ފުލުހުން އެތަނުން ބޭރުކުރަނީ

ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ރޫޅާލިފަހުން ކެފޭއެއްގެ ތެރޭގައި ތިބި ބަޔަކު ނެރުނު އިރު ޗެނަލް13 ގެ ނޫސްވެރިއަކު ގަދަކަމުން އެތަނުން ނެރުނީ ނޫސް ވެރިޔާ ހިމެނޭގޮތުން އެތާތިބި މީހުން އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން، ފުލުހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މުޒާހަރާގެ ބައިވެރިން ކެފޭ ތެރެއަށް ވަދެގަތް ކަމަށެވެ

“އެގޮތަށް އެ ކެފޭ ތެރެއަށް ވަދެގަތް މީހުން، ފުލުހުން ވަނީ އެތަނުން ނެރެފައި، އަދި އެތަނުން ނެރެން އުޅުމުންވެސް، ނޫސްވެރިޔާ ހިމެނޭގޮތުން، ހަމަނުޖެހުން ހިންގާފައިވޭ. އެގޮތުން ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ، އަމުރަށް ނުކިޔަމަންތެރިވެފައިވޭ” ފުލުހުން ވިދާޅުވެފައިވެއެވެ.

ނޫސްވެރިޔާ އޭނާއަކީ ނޫސްވެރިއެއްކަމަށް ބުނުމުން ދޫކޮށްލާފައިވާ ކަމަށާއި އޭގެ ކުރިން ނޫސްވެރިއެއްކަން ފުލުހުންނަށް އަންގާފައިނުވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ނޫސްވެރިޔާ ގެންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއަކުން އެނޫސްވެރިޔާގެ ފޮޓޯ ހިމެނޭ ފާސް އޭނާގެ ޖީބުގައި ހަރުކޮށްފައި ހުރިކަން އެނގެން ހުއްޓެވެ.އަދި އެވީޑިއޯއިން ފެންނަ ގޮތުގައި ޗެނަލް13ގެ ނޫސްވެރިޔާ ހައްޔަރަށް ގެންދިޔަ ވަގުތު އެތާ ތިބި އެހެން ނޫސްވެރިން އެއީ ވެސް ނޫސްވެރިއެއްކަމަށް ގޮވަމުން ދިޔަ އަޑު އިވިއިވި ހުއްޓެވެ.

މިމައްސަލާގައި އިތުރަށް ފުލުހުން ހާމަކޮށްފައިވަނީ އެ ނޫސްވެރިޔާގެ ފަރާތުން ފެނިފައިވަނީ ނޫސްވެރިއެއްގެ ފުށުން ފެނިގެންވާނެފަދަ އަމަލުތަކެއްނޫން ކަމަށާއިމުޒާހަރާތަކާއި އެނޫންވެސް އެހެނިހެން ކަންކަން ކަވަރުކުރާ ނޫސްވެރިންނަށް ވީހާވެސް ބޮޑަކަށް ފުރުސަތު ފަހިކޮށްދީ ހާމަކަން ބޮޑު ގޮތެއްގައި އެފަދަ ކަންކަން ކަވަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޕޮލިސް މީޑިއާގެ ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރައްވާކަމަށެވެ. އެހެންނަމަވެސް ބައެއް މަދު މީޑިއާގެ ފަރާތްތަކުން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުވެ، ހަމަ ނުޖެހުން އުފެދޭގޮތަށް އަމަލުކުރާ ކަމީ ފުލުހުން ކަންބޮޑުވާކަމެއް ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ. އަދި ހުރިހާ ނޫސްވެރިންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދި ވަޑައިގެންފައެވެ.

މިމައްސަލާގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ނުވަތަ މިފަދަ ކަންކަމުގައި ފުލުހުން ޢަމަލު ކުރައްވާ އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަމަށް ފުލުހުންގެ ޕްރޮފެޝަނަލްސް ސްޓެންޑާޑް ކޮމާންޑް އަދި ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ފުލުންވަނީ ދެއްވާފައެވެ.

މިހަމަނުޖެހުން ހިނގާފައިވަނީ ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ކުރާ މުޒާހަރާއަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ [އެޗްޕީއޭގެ] ގައިޑްލައިނާއި އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާވެސް ހިލާފަށް ކުރާ ކަމެއް ކަމަށާއި އެގޮތަށް މުޒާހަރާ ކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

ރޭ ފުލުހުން ޗެނަލް13ގެ ނޫސްވެރިޔާ ހައްޔަރުކުރީ ލެ ސޫކް ކެފޭގެ ފުރަތަމަ ފަންގިފިލާއިންނެވެ. ފުލުހުން އެ ކެފޭއަށް ވަދެ އޭނާ ހައްޔަރުކުރީ އިރު އޮއްސި، 7:00 ޖެހިފަހުންނެވެ.