English Edition
Dhivehi Edition

ރާއްޖެއިން ކޯވިޑް ވެކްސިން ޖެހި އުމުރުން ދުވަސްވީ މީހަކު ނިޔާވުމާއި ގުޅިގެން އެކަމުގެ ސަބަބު ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން ތަޙުޤީޤެއް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން ވިދާޅުވީ މި މަހުގެ 17 ވީ ބުދަ ދުވަހު ކޯވިޑް ވެކްސިން ޖެހިފަހުން ނިޔާވި އުމުރުން 93 އަހަރުގެ ދިވެއްސަކީ ގދ. ގައްދޫ މީހެއް ކަމަށެވެ. އެއީ ފިރިހެން މީހެއް ކަމަށްވެސް އެޗް.ޕީ.އޭ އިން މަޢުލޫމާތު ދެއްވައެވެ. އަދި އެމީހާ ނިޔާވި ސަބަބު ހޯދުމަށްޓަކައި ފުރިހަމަ ތަޙްޤީގެއް ހިންގާނެ ކަމަށާއި އެ މަޢުލޫމާތުތައް އާންމުކުރާނެ ކަމަށް ވެސް އެޗް.ޕީ.އޭ އިން ވިދާޅުވެއެވެ.

ނިޔާވި މީހާއަކީ 10 އަހަރު ވަންދެން އެނދުމަތި ވެފައިވާ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހެކެވެ. އެމީހާ ވަރުދެރަވެ ނޭވާލާން އުނދަގޫވުމާއި ގުޅިގެން ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ 20:00 ހާއިރު ކަމަށާއި އައި.ސީ.ޔޫ ގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި މަކަށް އެ ހޮސްޕިޓަލުން މަޢޫލޫމާތު ދެއްވައެވެ. އަދި މި މީހާއަށް މީގެ ކުރިން ކޯވިޑް-19 ޖެހިފައި ނުވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިއީ، މި ވެކްސިން ޖެހި ފަހުން ރާއްޖޭގައި ނިޔާވި ފުރަތަމަ މީހާއެވެ. ރާއްޖޭގައި ކޯވިޑް އިން ދިފާއުވުމަށްޓަކައި މިހާތަނަށް 64،048 މީހުން ވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އޭގެ ތެރެެއިން މާލެ ސަރަހައްދުގައި އުޅޭ 49،836 މީހެއްގެ ގަޔަށް ވެކްސިން ޖެހި އިރު، އަތޮޅުތެރޭގެ ރަށްތަކުން 14،212 މީހެއްގެ ގަޔަށް ވަނީ ވެކްސިން ޖަހައިފައެވެ.

ނަމަވެސް މިހާތަނަށް ވެކްސިން ޖަހައިގެން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ސައިޑް އިފެކްޓްސްތަކެއް ފެނިގެން އެއްވެސް މީހަކު ރިޕޯޓް ކޮށްފައިވާކަން އެޗް.ޕީ.އޭ އިން ހާމަ ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ވެކްސިން ޖަހާ ބައެއް މީހުންނަށް ހުން އައުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ވާކަމުގެ މަޢުލޫމާތު ލިބެއެވެ.