ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ އަނެއް ބުރުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލިއިރު، އާސެނަލް ކުޅުނު މެޗުން އެއްވަރުވެ އިތުރަށް އިންތިޒާރުކުރަންޖެހިއްޖެއެވެ.
ޔުނައިޓެޑް ވަނީ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑް އަތުން 4-0 އިން މޮޅުވެފައެވެ. އޮސްޓްރިއާގެ ވޯލްފްސްބާގާ އަތުން 4-1 އިން ޓޮޓެންހަމް މޮޅުވިއިރު، ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ސޮސިއެޑާޑްގެ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗު، ސްޕެއިން ސަރުކާރުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރޭގެ މެޗު ކުޅުނީ ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް އެންމެ ލަނޑެއްޖެހިފައިވާއިރު، ފަހު ހާފުގައި ވަނީ އަނެއް ތިން ލަނޑުޖަހާފައެވެ. އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑުޖަހައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. އަނެއް ދެލަނޑުޖަހައިދިނީ މާކަސް ރަޝްފޯޑް އާއި ޑެނިއަލް ޖޭމްސް އެވެ.
އާސެނަލްއާ ދެކޮޅަށް ބެންފީކާގެ ދަނޑުގައި ރޭ ކުޅުމަށް ހަމަޖެހިފައި އޮތް މެޗު އިޓަލީގެ ރޯމްގައި ކުޅުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޕޯޗުގަލް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން އިނގިރޭސިވިލާތަށް ނިސްބަތްވާ އެއްވެސް ފަރާތަކަށް އެ ގައުމަށް އެތެރެވެވެން ނެތުމުންނެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ލީޑްނެގީ ބެންފީކާ އިންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ޕިއްޒީ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އާސެނަލްގެ އެމީލް ސްމިތު ރޯވްގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ބެންފީކާ އިން ލީޑްނެގިތާ ދެ މިނެޓުފަހުން އާސެނަލަށް އެއްވަރުކޮށްދިނީ އިނގިރޭސި ޒުވާން ތަރި ބުކާޔޯ ސާކާ އެވެ. އޭގެފަހުން، އާސެނަލް މޮޅުކޮށްދިނުމަށް އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އަށް ވަނީ ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ވޯލްފްސްބާގާ ކޮޅަށް ޓޮޓެންހަމުން ޖެހި ހަތަރުލަނޑު ކާމިޔާބުކޮށްދިނީ ސޮން ހެއުން-މިން އާއި ގަރެތު ބޭލްގެ އިތުރުން ލޫކަސް މޯރާ އަދި ކާލޯސް ވިނީސިއަސް އެވެ. މި މެޗުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ފޯވާޑް ހެރީ ކޭން ނުކުޅެއެވެ. ވޯލްފްސްބާގާގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މައިކަލް ލިއެންޑެލް އެވެ.
ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް ދަނޑުގައި ލެސްޓާ ސިޓީ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އިޓަލީގެ އޭސީ މިލާނުން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު، ސްޕެއިނުގެ ގްރަނާޑާ ވަނީ އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީ އަތުން 2-0 އިން މޮޅުވެފައެވެ. ޕޯޗުގަލްގެ ސްޕޯޓިން ބްރާގާ ދަނޑުގައި ކުޅުނު މެޗުން ރޯމާ 2-0 އިން މޮޅުވިއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކޯޗުކަމަށްވާ އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިނުގެ ވިޔަރެއާލުން ވަނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް ދަނޑުގައި ކުޅުނު މެޗުން 2-0 އިން މޮޅުވެފައެވެ.