English Edition
Dhivehi Edition

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ 2021 ވަނަ އަހަރުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ބަޖެޓުން ގދ. ތިނަދޫގައި ކުނި މެނޭޖުކުރާ މަރުކަޒު ތަރައްޤީކުރުމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެކު ސޮއިކޮށްފިއެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ގދ. ތިނަދޫ ކައުންސިލުގެ އިތުރުން މިނިސްޓްރީއާއި ރާއްޖޭގެ 09 ކައުންސިލަކާއި ދެމެދު ވަނީ ކުނި މެނޭޖްކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދެވެ.

މި މަޝްރޫޢާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ގދ. ތިނަދޫއަށް ލިބިގެންދަނީ 1.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓުގައި މިނިސްޓްރީގެ ފަންނީ ލަފައާއި އިރުޝާދާއި އެއްގޮތަށް ޓެންޑަރިންގ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ފަރާތުން ކަމަށެވެ.

މީގެއިތުރުން ގޭބިސީތަކުން ކުނި އުކާލާ ހިސާބުން ފެށިގެން ފަރުދީ ޒިންމާތައް އަދާކޮށްގެން މެނުވީ މިފަދަ ބޮޑު އާބާދީއެއްގައި ކުނި ރަނގަޅުގޮތުގައި މެނޭޖް ނުކުރެވޭނެ ކަން ފާހަގަކޮށް ވަރަށް އަވަހަށް ކުނި ނައްތާލާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާ އެ އުސޫލުތައް އާންމުކުރާނެ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.