ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބާސެލޯނާ ކޮޅަށް ކިލިއަން އެމްބާޕޭ ވައްދާލި ހެޓްރިކާއެކު ޕީއެސްޖީން 4-1 އިން އެ ޓީމު ބަލިކުރިއިރު، ލިވަޕޫލުން ވަނީ ރަށުން ބޭރުގައި 2-0 އިން އާރްބީ ލައިޕްޒިގު އަތުން މޮޅުވެފައެވެ.
މި ހެޓްރިކާއެކު އެމްބާޕޭ ވަނީ 1997 ވަނަ އަހަރުގައި ޑީނަމޯ ކިއޭވްގެ އަންދްރޭ ޝެވްޗެންކޯގެ ފަހުން ބާސެލޯނާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާ އާއި އާޖެންޓީނާގެ ހުނަރުވެރި މިޑްފީލްޑަރު އެންހެލް ޑި މާރިއާގެ އިތުރުން ސްޕެއިނުގެ ފުލްބެކް ހުއާން ބަނާޓް އަށް ނުކުޅެވުމެވެ.
ބާސެލޯނާ އަށް ރޭގެ މެޗަށް ނިކުތްއިރު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އިތުބާރު ޑިފެންޑަރު ޖެރަޑް ޕީކޭ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިފައިވުމެވެ. ބާސެލޯޏާގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ޒުވާން ތަރި އަންސޫ ފާޓީ އާއި ފިލިއްޕޭ ކުޓީނިއޯ އަދި ސާޖީ ރޮބާޓޯ ހިމެނެއެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ރޭ ކުޅުނު މި މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. ޕީއެސްޖީގެ ކުޅުންތެރިއަކު ބާސެލޯނާގެ ފްރެންކީ ޑި ޔޯން އަށް ފައުލްކުރިކަމަށް ބުނެ ރެފްރީ ދިން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭގެ ފަސް މިނެޓުފަހުން، އެމްބާޕޭ ވައްދާލި ލަނޑާއެކު ޕީއެސްޖީން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
ޕީއެސްޖީން ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ 65 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރި ގޯލުންނެވެ. މިލަނޑު ބަލައިގަންނަން ރެފްރީ ނިންމީ އޮފްސައިޑްތޯ ޔަގީންކުރުމަށްޓަކައި ވީއޭއާރްގެ އެހީ ހޯދުމަށްފަހުގައެވެ. އޭގެ ފަސް މިނެޓުފަހުން، މޮއިސް ކީން ވަނީ ޕީއެސްޖީގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މިއީ އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ލެއަންޑްރޮ ޕަރެޑެސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ކީން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ރޭގެ މެޗުގައި އެމްބާޕޭގެ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހޫލިއަން ޑްރެކްސްލާ އިސްވެ ހުރެގެން އުފެއްދި ކައުންޓަ އެޓޭކެއްގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި 2018/2019 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ލީޕްޒިގު އަތުން 2-0 އިން މޮޅުވެފައެވެ. ޖަރުމަނު ސަރުކާރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރޭގެ މެޗު ކުޅެވިގެންދިޔައީ ހަންގޭރީގެ ބުޑަޕެސްޓްގައެވެ.
ލީގުގައި މިވަގުތު ވަރަށް ދަށް ފޯމެއްގައި އޮތް ލިވަޕޫލުން ރޭގެ މެޗުގައި ޖެހި ދެލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ލީޕްޒިގަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޑަނީ އޮލްމޯ މެޗުގެ ކުރީކޮޅު ފޮނުވާލި ހަމަލާއެއްގެ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ ލީޕްޒިގު ކީޕަރު ޕީޓާ ގުލާޝީ މަތަކުރިއެވެ. އޭގެފަހުން، އެ ޓީމުގެ ސަޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.
ލިވަޕޫލްގެ ފުރަތަމަ ލަނޑު، މެޗުގެ 53 ވަނަ މިނެޓުގައި ލީޕްޒިގުގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކާމިޔާބުކޮށްދިނީ ސަލާހު އެވެ. އޭގެ ތިން މިނެޓުފަހުން، ލީޕްޒިގުގެ ޑިފެންޑަރު ނޯޑީ މުކިއޭލޭ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ ފޯވާޑް މާނޭ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.