ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން ފުވައްމުލަކުގައި ދިނުމުގައި މެދުކެނޑުމެއް އައުމަށްފަހި މިއަދު އަލުން ފެށި 24 މީހަކަށް ވެކްސިން ދެވިފައިވާ ކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. މިއާއި އެކު ފުވައްމުލަކުގައި ވެކްސިން ދެވުނު މީހުންގެ އަދަދު މިވަނީ 319 އަށް އަރައިފައެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރާއިއެކު މަސައްކަތް ކުރެއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް، ސީނިއަރ ކޮމިއުނިޓީ އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވިގޮތުގައި 24 މީހުންނަކީ މަދު އަދަދެއްް ކަމުގައިވީނަމަވެސް މިވަގުތު ފަންނީ މުވައްޒަފުން ތިބި މިންވަރަށް ބަލާއިރު އެއީ އެކަށީގެންވާ އަދަދެއް ކަމުގައެވެ.
ފުވައްމުލަކުގެ މުޖުތަމައު އިން ކޮވިޑް-19 ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ފުވައްމުލަކުގައި ވެކްސިން ދިނުން ހުއްޓާލިއިރު އެ ސިޓީގައި ވަނީ 295 މީހަކަށް ވެކްސިން ދީފައެވެ. މެދުކެނޑުމަކަށްފަހު ފުވައްމުލަކުގައި ވެކްސިން ދޭން ފެއްޓިއިރު މިވަގުތު ވެކްސިން ދެމުން އަންނަނީ އުމުރުން 80 އަހަރުން މަތި އަދި ދާނުގައިވާ ބަލި މީހުންނަށް އެކަންޏެވެ. އެގޮތުން މިވަގުތު ފުވައްމުލަކު ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޝަރުތު ތަކަށް ފެތޭ 220 މީހަކު ފުވައްމުލަކުގައި އެބަތިއްބެވެ.
ފުވައްމުލަކުގައި ވެކްސިން ދިނުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އާމިނަތު ވިދާޅުވިގޮތުގައި އަދި މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގައިން ވެކްސިން ދިނުމަށްފަހު ދިމާވާ މައްސަލަތައް ކަމުގައިވާ ހުން އައުން، ބޮލުގައި ރިއްސުން ފަދަ ކަމެއް ދިމާވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ރިޕޯޓު ކޮށްފައިނުވާ ކަމަށެވެ.
ފުވައްމުލަކުގައި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު 30 އަށް އަރައިފައިވާއިރު 5 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ވައްމުލަކުގައި މިހާރު ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅައިފައިވާއިރު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 08:00 އިން ފަތިހު 4:00 އަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ނިންމެވުމާއި އެކު އެ ސިޓީގައި އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ޖަމާއަތުގައި ނަމާދުކުރުން މިވަގުތު ވަނީ އެރަށުގައި ހުއްޓާލައިފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ފައްޓާފައިވާއިރު ރާއްޖޭގައި ދެމުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިންއެވެ.