ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އައްބާސް ވާފިރު ނަން އަނބުރާ ގެންގޮސްފިއެވެ.
‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެއްވަމުން އައްބާސް ވިދާޅުވީ މި މަހުގެ 11 ވަނަ ދުވަހު ނަން އަނބުރާ ގެންދިއުމަށްޓަކައި، އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ ކޮމިޝަންގެ ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ.
އިތުރަށް އައްބާސް ވިދާޅުވީ ނަން އަނބުރާ ގެންދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާ އަބަދުވެސް ބޭނުންވި އެއްކަމަކީ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުންކަމަށެވެ. އަދި މިކަމުގެ ސަބަބުން މި ދެ ރަށުގެ ރައްޔިތުންނަށްވެސް ވަރަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެކަމަށް އައްބާސްވަނީ ވިދާޅުވެފައެވެ. “ވަކި އަދަދަކަށް މީހުން ހަމަކޮށް ޕެޓިޝަނެއް ހަދައިގެން ދިއުމުން އަޅުގަނޑުމެންނަށް ވަކި ކައުންސިލެއް ދެއްވާނެ ވާހަކަ، އަދި އެކަން އެ ގޮތަށް ކުރިއަށް ގެންދެވޭނެ ވާހަކަވެސް ރައީސް ވިދާޅުވި” އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން އައްބާސް ވިދާޅުވީ ދުނިޔެ އާއި ރާއްޖެއަށް މި ބަލިމަޑުކަމުގެ ސަބަބުން އައިސްފައިވާ ބަދަލުތަކާއި އަދި އިންތިހާބު ލަސްވި ލަސްވުމަށް ބެލުމުން އެއްވެސް އުއްމީދުތަކެއް ފެންނަން ނެތްކަމަށެވެ.
އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ޖުމްލަ ހަތަރު ކެންޑިޓޭޓުން ކުރިމަތިލާފައިވާއިރު އެމްޑީޕީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ފައިޒުއް ރަހްމާން ފިޔަވައި ހުރިހާ ކެންޑިޓޭޓުން މިވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މިގޮތުން އައްބާސްގެ އިތުރުން ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ މޫސާ ބުޝްރީވެސް ވަނީ އިންތިހާބު ލަސްވުމާއި ގުޅިގެން ނަން އަބުރާ ގެންގޮސްފައެވެ.އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމެވި މުހައްމަދު ޔާސީނު (ސީނު)ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ