އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމްވިޗް އެލްބިއަންއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، އާސެނަލުން ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-2 އިން މޮޅުވެފައެވެ.
ރޭގެ ނަތީޖާއާއެކު ޔުނައިޓެޑް ވަނީ އަލުން ދެވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ކުޅުނު 24 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޔުނައިޓެޑަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ ވަނީ އެއް މެޗު މަދުން ކުޅެގެން 53 ޕޮއިންޓް ހަމަކޮށްފައެވެ. ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 40 ޕޮއިންޓެވެ.
ވެސްޓް ބްރޮމްގެ ހޯތޯންސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް މެޗު ފެށިގެން 83 ސިކުންތު ތެރޭގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެމްބައޭ ޑިއާންގް އެވެ. މިއީ އެ ޓީމުގެ ކޮނާ ގަލަގާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޑިއާންގް ކާމިޔާބުކުރި ގޯލެކެވެ. ޔުނައިޓެޑުން އެއްވަރުކުރި ލަނޑު، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެއްފަހަރުން ފޮނުވާލި ހަމަލާއަކުން ފެނާންޑޭސް ކާމިޔާބުކުރި ރީތި ގޯލެކެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑްގެ މޭސަން ގްރީންވުޑްގެ އިތުރުން ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ހަމަލާތައް ވެސްޓް ބްރޮމްގެ ކުޅުންތެރިން ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ. ވެސްޓް ބްރޮމް އަށް އަލުން ލީޑްނަގައިދިނުމަށް ޑިއާންގް އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.
ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމަށް މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ވެސްޓް ބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯންސް މަތަކުރިއެވެ. އޭގެކުރީން، ވެސްޓް ބްރޮމްގެ ކުޅުންތެރިއަކު މެގުއާ އަށް ފައުލްކުރިކަމަށް ބުނެ ރެފްރީ ޕެނަލްޓީއެއް ދޭން ނިންމުމަަށްފަހު ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ ހެޓްރިކް ހަދާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ތިން ލަނޑުގެ ލީޑެއްނަގާފައިވާއިރު، އޮބާމަޔަން ދެލަނޑުޖެހިއިރު އަނެއް ލަނޑުޖަހައިދިނީ ހެކްޓަ ބެލަރީން އެވެ. ފަހު ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި އޮބާމަޔަންގެ ހެޓްރިކް ފުރިހަމަކުރީ ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް ދިން ބޯޅައަކުންނެވެ. މި ގޯލުތަކާ އެކު އޮބާމަޔަން ވަނީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ޖުމްލަ 200 ގޯލު ހަމަކޮށްފަ އެވެ.
ލީޑްސް އިން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، 58 ވަނަ މިނެޓުގައި ރަފީނިއާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ހޮލެންޑްގެ ޑިފެންޑަރު ޕަސްކަލް ސްޓްރުއިކް އެވެ. އޭގެ 11 ވަރަކަށް މިނެޓުފަހުން ލީޑްސްގެ ދެވަނަ ލަނޑުޖަހައިދިނީ ފަހު ހާފުގައި ކުޅެން ނިކުތް ހެލްޑާ ކޮސްޓާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފުލަމް އިން ވަނީ ރަށުންބޭރުގައި 2-0 އިން އެވަޓަން ބަލިކޮށް ތާރީޚީ މޮޅެެއް ހޯދާފައެވެ. މިއީ ފުލަމް އިން ލީގުގެ ތާރީހުގައި އެވަޓަން އަތުން އެ ޓީމުގެ ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި އެ ޓީމުން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ޖޯޝް މާޖާ އެވެ.
ލީގުގައި ރޭ ސައުތެމްޓަންގެ ދަނޑުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޑެނީ އިންގްސްގެ ގޯލުން ސައުތެމްޓަން ލީޑްނަގާފައިވަނިކޮށް، ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ވުލްވްސް އަށް އެއްވަރުކޮށްދިނީ ރުބެން ނެވޭސް އެވެ. އޭގެފަހުން، އެ ޓީމު މޮޅުވި ލަނޑުޖަހައިދިނީ ޕެޑްރޯ ނެޓޯ އެވެ.