English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް ގައި ކޮވިޑް ޓެސްޓް ހަދަނީ: ފޮޓޯ ފުވައްމުލައް ހޮސްޕިޓަލް

ކޮވިޑް-19 އަށް ދޭ ވެކްސިން ދިނުމުގައި މެދުކެނޑުމަކަށްފަހު ފުވައްމުލަކުގައި މާދަމާ ވެކްސިން ދޭން ފައްޓާނެ ކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި މާދަމާ ފުވައްމުލަކުގައި ވެކްސިން ދިނުން އަލުން ފެއްޓުމަށް ތައްޔާރު ވަމުން އަންނަ އިރު ވެކްސިން ދެވިގެން ދާނީ އުމުރުން 80 އަހަރުން މަތި އަދި ދާނުގައި ބަލި މީހުންނަށް ކަމަށެވެ. އެގޮތުން މިވަގުތު ފުވައްމުލަކު ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޝަރުތު ތަކަށް ފެތޭ 220 މީހަކު ވާކަމަށްވެސް އެ ސެންޓަރުން ވަނީ މައުލޫމާތުދީފައެވެ.

މީގެ ކުރިން އެ ސެންޓަރުން ހާމަކުރި ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން ފުވައްމުލަކުގައި ދިނުމުގައި މައިގަނޑު ގޮތެއްގައި އިސްކަންދެނީ 3 ކެޓަގަރީ އަކަށެވެ. އެއީ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، އުމުރުން 80 އަހަރުން މަތީގެ މީހުން އަދި ފްރޮންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށެވެ.

ފުވައްމުލަކުގައި ވެކްސިން ދިނުން މެދުކެނޑިފައިވުމާއި ގުޅިގެން މީގެ ކުރިން އޭއޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރާއިއެކު މަސައްކަތް ކުރެއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް، ސީނިއަރ ކޮމިއުނިޓީ އޮފިސަރ އާމިނަތު އަހުމަދު ވިދާާޅުވީ ވެކްސިން ދިނުން މެދުކަނޑާލައިފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ލަފާގެ ދަށުން ކަމަށެވެ. އެގޮތަށް އެޗްޕީއޭއިން ކަނޑައަޅާފައިވަނީ ފުވައްމުލަކުގެ މުޖުތަމައުން ބަލި ފެނިފައިވާއިރު އާންމު ރައްޔިތުން ބޭރަށް ނިކުމެ އުޅުން ފަދަ ކަންކަން މަދު ކުރުމުގެ މަގުސަދުގައިކަމަށްވެސް އާމިނަތު އަހުމަދުވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގައި މިހާތަނަށް ޖުމްލަ 295 މީހަކަށްވަނީ ވެކްސިން ދެވިފައެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ފައްޓާފައިވާއިރު ރާއްޖޭގައި ދެމުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިންއެވެ.