English Edition
Dhivehi Edition

ކޮވިޑް-19 ފުވައްމުލައް ސިޓީގައި ފެތުރެމުންދާއިރު ކަމާ ގުޅޭ ފަންނީ މީހުން ނެތުމަކީ އެ ބައްޔާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް، ސީނިއަރ ކޮމިއުނިޓީ އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވިގޮތުގައި ކޮންޓެކްޓް ޓްރޭސިންގް އާއި އަދިވެސް ބައްޔާއި ގުޅުން ހުރި މަސައްކަތްތައް ހަލުވި ކޮށް ކުރިއަށް ގެންދިއުމަަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ މީހުން ނެތުން ކަމުގައެވެ. އަދި މިހާރުވެސް ފުވައްމުލަކުގައި ތިބި އެކަމާއި ގުޅޭ ފަންނީ މީހުން ހޯމް އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބިކަން އާމިނަތު ވަނީ ފާހަގަކުރައްވާފައެވެ.

އާމިނަތު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފަންނީ މުވައްޒަފުން މަދު އިރު އެ ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށް މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ފުވައްމުލައް ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޯންސް ޓީމް އަށް ވަކިން ދިރިއުޅޭނެ ތަނެއް މާދަމާއިން ފެށިގެން ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފަންނީ މުވައްޒަފުން ނެތުމާއި ބަލި ކޮންޓްރޯލް ކުރުމަށް މިވަގުތު ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ ސިޓީގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވީ ކައުންސިލަށް މިވަގުތު ފަންނީ މީހުން ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެން ނަމަވެސް ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަން ފާހަގަކުރައްވަމުން މޭޔަރ ފަލާހް ވިދާޅުވީ ޓެސްޓިންގް ކެޕޭސިޓީ އިތުރުކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ ސްޕީޑް އަވަސްކުރުމަށް އަދި ސަރުކާރު މެދުވެރިކޮށް ހޯދަން ޖެހޭ ވަސީލަތްތައް ހޯދުމާއި ނިންމަން ޖެހޭ ކަންތައް ނިންމުމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

ފުވައްމުލައް ސިޓީގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ފުރަތަމަ ފަހަރަށް ބައްޔަށް މީހަކު ފައްސިވެފައިވާއިރު މިހާތަނަށް ޖުމްލަ އެރަށުން ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. އެގޮތުން މިހާރު އެކްޓިވް ކޭސް ތަކުގެ ގޮތުގައި 16 މީހަކުވާއިރު އޭގެތެރޭގައި 5 ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި 5 އަހަރުން ދަށުގެ 1 ކުއްޖަކާއި 18 އަަހަރުން ދަށުގެ 4 ކުއްޖެއް ހިމެނޭ އިރު ކުޑަކުދިންގެ އިތުރުން ހިމެނެނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ 9 މީހުން އަދި 65 އަހަރުން މަތީގެ 2 މީހެކެވެ. މިހާރު ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 3 ފިރިހެނުންނާއި 13 އަންހެނުންނެވެ.