ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 620 މީހަކު ފާހަގަ ކުރެވިފައިވާކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް، ސީނިއަރ ކޮމިއުނިޓީ އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވިގޮތުގައި ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ހައިރިސްކް ކެޓަގަރީ އަށް ފެތޭ 25 މީހަކު އަދި ރޯގާގެ އަލާމާތް ހުރި 15 މީހަކު ފާހަގަކުރެވިފައިވާކަމަށެވެ.
ފުވައްމުލަކުގައި މިއަދު 137 ސާމްޕަލް އެއް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނަގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފުވައްމުލަކާއި އެހެން ރަށްތަކާއި ދެމެދު ދަތުރުކުރާ ބޯޓު އަދި ދޯނި ފަހަރުގައި މަސައްކަތްކުރާ 04 މީހަކާއި، އެ ސިޓީގައި ގާއިމު ކުރެވިފައިވާ ފްލޫ ކުލިނިކަށް ދައްކާ ބަލީގެ އަލާމާތް ހުރެގެން ސާމްޕަލް ނެގުނު 12 މީހެއް އަދި މާލެ އިން ފުވައްމުލަކަށް އައުމަށް ފަހު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރި 31 މީހަކާއި ފުވައްމުލަކުގައި މިހާރު ފައްސިވެފައިވާ މީހުންގެ ޑައިރެކްޓު ކޮންޓެކްޓުންގެ ތެރޭގައި ފާހަގަކުރެވިފައިވާ 90 މީހެއްކަމަށް އެ ސެންޓަރުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވެން ހުރި މިންވަރާއި މެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އާމިނަތު ވިދާޅުވިގޮތުގައި މިވަގުތު އެ ހޮސްޕިޓަލުން ޓެސްޓު ކުރަނީ ހައި ރިސްކް ކެޓަގަރީ އަށް ފެތޭ މީހުން، ބަލީގެ އަލާމާތްތައް ބޮޑަށް ފެންނަން ހުންނަ މީހުން އަދި ބައްޔަށް ފައްސިވުމުގެ ފުރުސަތު ބޮޑުކަމަށް ލަފާ ކުރެވޭ މީހުންގެ ކަމަށެވެ.
ފުވައްމުލައް ސިޓީގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ފުރަތަމަ ފަހަރަށް ބައްޔަށް މީހަކު ފައްސިވެފައިވާއިރު މިހާތަނަށް ޖުމްލަ އެރަށުން ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. އެގޮތުން މިހާރު އެކްޓިވް ކޭސް ތަކުގެ ގޮތުގައި 16 މީހަކުވާއިރު އޭގެތެރޭގައި 5 ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި 5 އަހަރުން ދަށުގެ 1 ކުއްޖަކާއި 18 އަަހަރުން ދަށުގެ 4 ކުއްޖެއް ހިމެނޭ އިރު ކުޑަކުދިންގެ އިތުރުން ހިމެނެނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ 9 މީހުން އަދި 65 އަހަރުން މަތީގެ 2 މީހެކެވެ. މިހާރު ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 3 ފިރިހެނުންނާއި 13 އަންހެނުންނެވެ.
ފުވައްމުލަކުގައި މިހާރު ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅައިފައެވެ. އެގޮތުން މިރެއިން ފެށިގެން އެ ސިޓީގައި ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ނިންމައިފައެވެ.