English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ 16 މީހަކުވާއިރު އޭގެތެރޭގައި 5 ކުޑަކުދިން ހިމެނޭކަމަށް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރާއިއެކު މަސައްކަތް ކުރެއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް، ސީނިއަރ ކޮމިއުނިޓީ އޮފިސަރ އާމިނަތު އަހުމަދު އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިވަގުތު އެ ރަށުގައި ހިމެނޭ އެކްޓިވް ކޭސް ތަކުގެ ތެރޭގައި 5 އަހަރުން ދަށުގެ 1 ކުއްޖަކާއި 18 އަަހަރުން ދަށުގެ 4 ކުއްޖެއް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެ ރަށުގައި މިވަގުތު ހިމެނޭ 16 ކޭސްގެ ތެރޭގައި ކުޑަކުދިންގެ އިތުރުން ހިމެނެނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ 9 މީހުން އަދި 65 އަހަރުން މަތީގެ 2 މީހެކެވެ. މިހާރު ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 3 ފިރިހެނުންނާއި 13 އަންހެނުންނެވެ.

ފުވައްމުލަކުގައި ހަލުވި ކަމާއި އެކު ބަލި ފެތުރެމުންދާއިރު ރޭ ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން މައުލޫމާތު ދެއްވި ގޮތުގައި މިހާރު ފައްސިވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 435 މީހަކު ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން 13 މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނަ ކަމަށްވެސް އެ ސެންޓަރުން ވަނީ މައުލޫމާތުދީފައެވެ.

ފުވައްމުލައް ސިޓީގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ފުރަތަމަ ފަހަރަށް ބައްޔަށް މީހަކު ފައްސިވެފައިވާއިރު މިހާތަނަށް ޖުމްލަ އެރަށުން ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. ފުވައްމުލަކުގައި މިހާރު ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅައިފައެވެ. އެގޮތުން މިރެއިން ފެށިގެން އެ ސިޓީގައި ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ނިންމައިފައެވެ.