މާލެތެރޭ މޮޔަގޮވަމުން ދުވަން ފުރުސަތު ދީގެން ނުވާނެ ކަމައް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރައްވާފައިވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރި ޓުވީޓެއްގައި ނިޒާރު މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެޔަކާއި ދުވާލު އަދި ހަފްތާ ބަންދުގައި މާލޭގައި އެއްވުންތައް ބާއްވަމުންގެންދާތީ އެވެ.
އެގޮތުން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި މުޒާހަރާ ކުރުމަށް ފުރުސަތު ދޭނަމަ އައްޑޫގައި ވިޔަފާރި ބަންދުކޮށްގެން ރަށު ބަންދުވެފައި އަދި އެތައް ސަތޭކަ ބަޔަކު ރަށަށް ނާދެވި އެޗްޕީއޭ އަށް އާދޭސް ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
އިދިކޮޅުން އެއްވުންތައް ބާއްވަމުން އަންނަ އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 120 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 99 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. އައްޑޫގައި ވެސް މިވަގުތު ކޮވިޑްގެ ދެ ކްލަސްޓާއެއް އުފެދިފައިވާއިރު، ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 53 އަށް އަރާފައެވެ.
އައްޑޫގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރިފައިވާއިރު، އެޗްޕީއޭގެ ޓީމެއް ވެސް އައްޑޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ބަލި ފެތުރުނު ގޮތާއި ގުޅޭގޮތުން އެ ޓީމުން މައުލޫމާތު އެއްކޮށް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަށް އެޓީމުން އެހީވާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިރުޝާދުދެމުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެއް ދުވަހެއް އިތުރުވަމުން އަންނާތީ ފިޔަވަޅުތައް ވަނީ ހަރުކަށިކޮއް ވަރުގަދަކޮށްފައެވެ.