English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ސިޓީގައި ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިއަދު ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައިވާ ގޮތުން އެ ސިޓީގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން މިއަދު ނިންމައިފައިވާއިރު އެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ނިންމާފައި ވަނީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހަށެވެ. މި އެންގުމުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކާފިއު ހިންގުމާއި އިތުރު ފިޔަވަޅު އެޅުމަށް ނިންމައިފައިވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ލިބިދޭ ބާރުގެ ދަށުންނެވެ.

މިއަދު ނެރުނު އެންގުމުގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށްވެސް އެ އެންގުމުގައިވެއެވެ.މީގެ ތެރޭގައި، ޒަރޫރީ ބޭނުންތަކާއި، ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނޭ ކަމަށް އެ ފިޔަވަޅުތަކުގައި ވެއެވެ.

މީގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށް އެ އެންގުމުގައި ވެއެވެ. މީގެ އިތުރުން ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާތަންތަން ބަންދުކުރުމަށްވެސް އެ އެންގުމުގައިވެއެވެ.

ފުވައްމުލައް ސިޓީގައި މިހާރުވެސް ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސްކޫލް، ކޮލެޖް އަދި ޓިއުޝަން ކްލާސްތަކާއި އެފަދަ ތަންތަން ބަންދުކޮށްފައިވާއިރު ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ހުރިހާ އޮފީހެއްވެސް ވަނީ ބަންދުކުރެވިފައެވެ. މީގެ އިތުރުން ޖަމާއަތް ހަދައިގެން ނަމާދު ކުރުންވެސް އެ ސިޓީގައި ވަނީ މަނާކުރެވިފައެވެ،

ފުވައްމުލައް ސިޓީގައި މިހާރު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ 13 މީހަކު ތިބިއިރު އެތަނުން 2 މީހަކީ ހައިރިސްކް ކެޓަގަރީ އަށް ފެތޭ ދާއިމީ ބައްޔަށް ބޭސްކުރަމުން އަންނަ މީހުންނެވެ. އަދި މިހާރު ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭއިރު ބަލި ޖެހިފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓްސް ފުވައްމުލަކުގެ 3 ސްކޫލަކުން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލަކުގައި މިހާރު ބައްޔަށް ފައްސިވެފައިވާ އެންމެންނަކީވެސް އެރަށުގައި ކަރަންޓީނުގައި ހުއްޓާ އަލާމާތްތައް ފެނިގެން ހެއްދުނު ޓެސްޓުގެ ނަތީޖާއިން ފައްސިވި މީހާއާއި ގުޅުން ހުރި މީހުންނެވެ. މީގެ ކުރިން އެމީހާގެ އެއްވެސް ޑައިރެކްޓް ކޮންޓެކްޓެއް ނުވާކަމަށް ފުވަައްމުލައް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި މަހުގެ 7 ވަނަ ދުވަހު ފުވައްމުލަކުގައި ނެގުނު ރޭންޑަމް ސާމްޕަލްތަކުން ފައްސިވި މީހުންނަކީ އެމީހާއާއި ގުޅުންހުރި މީހުންކަމަށް ފުވައްމުލައް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.