ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލްގައި މެކްސިކޯގެ ޓިގްރެސް އަތުން 1-0 އިން މޮޅުވެ ޖަރުމަނުގެ ބަޔާން މިއުނިކުން އެ މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މިއާއެކު ބަޔާނުން ވަނީ އެއް ސީޒަނެއްގައި ހަ ތަށި އުފުލާލައިގެން 2009 ވަނަ އަހަރު ސްޕެއިނުގެ ބާސެލޯނާ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މީގެއިތުރުން، ބަޔާނުން މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ 2013 ވަނަ އަހަރުގައެވެ.
ރޭގެ މެޗަށް ނިކުތްއިރު ބަޔާނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ އަބަދަށްފެހި މިޑްފީލްޑަރު ތޯމަސް މުލާ އަށް ކޮވިޑް ޖެހިގެން ނުކުޅެވުމެވެ.
ގަތަރުގެ އަލް ރައްޔާންގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މެޗުގެ 18 ވަނަ މިނެޓުގައި ބަޔާންގެ ޖޯޝުއާ ކިމިޗް ޖެހި ގޯލެއް ބަލައިނުގަންނަން ރެފްރީ ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ. އެއީ ކިމިޗް އެ ބޯޅަ ފޮނުވާލިއިރު އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައަށް މަސައްކަތްކުރި ކަމަށް ނިންމުމަށްފަހު އެވެ.
އޭގެފަހުން، ކިންގްސްލީ ކޯމަން ފޮނުވާލި ބޯޅައެއް ޓިގްރެސްގެ ގޯލްކީޕަރު ނަހުއެލް ގުޒްމަން މަތަކުރިއިރު، ޖަރުމަނުގެ ވިންގާ ލެރޯއީ ސާނޭ ދުރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެވެ. މިއީ އެ ޓީމުގެ ކިމިޗް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ލެވަންޑޯސްކީ ބޮލުން ފޮނުވާލުމުން ޓިގްރެސްގެ ކީޕަރު ގުޒްމަން މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ޕެނަލްޓީއޭރިޔާތެރޭގައި ހުހަށްހުރި ޕަވާޑަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލުވެސް ރެފްރީ ބަލައިގަންނަން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. އެންމެ ފުރަތަމަ ރެފްރީ ނިންމީ މިއީ އޮފްސައިޑް ގޯލެއް ކަމަށެވެ. ނަމަވެސް، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. ބަޔާންގެ ގޯލަށްފަހު އެ ޓީމުގެ ލީޑް ފުޅާކުރުމަށް ކޮރެންޓިން ޓޮލީސޯ އާއި ޑަގްލަސް ކޮސްޓާގެ އިތުރުން ކިމިޗް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ޓިގްރެސްގެ ކީޕަރު ގުޒްމަން މަތަކުރިއެވެ.
މި މެޗުގައި ޓިގްރެސް އަށް ނަތީޖާ އެއްވަރުކުރުމަށް ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަންދްރޭ-ޕިއޭރް ޖީނަކް އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. އެ ޓީމުގެ ހަވިއާ އަކީނޯ ތަނަވަސްކުރި ފުރުޞަތަކުން އޭރިޔާތެރެއަށް ހުރަސްވީ ބޯޅަ ޖީނަކްގެ ފަޔަށް ލައްވާލައި ގޮތެއްނުވިއެވެ.
ރޭގެ މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމް ދީފައިވާއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ލެވަންޑޯސްކީ އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓިގްރެސްގެ ފޯވާޑް ޖީނަކް އެވެ. ތިންވަނަ އަށް އެންމެ މޮޅު ކުޅުންތެރިއާގެ ޓްރޮފީ ލިބުނީ ކިމިޗް އަށެވެ.
މިފަހަރުގެ މުބާރާތުގެ ތިންވަނަ މަގާމު ހޯދީ މިސްރުގެ އަލް އަހްލީ އެވެ. އެ ޓީމުން ވަނީ ތިންވަނަ ހޮވި މެޗުގައި ޕެނަލްޓީޖަހައިގެން ބްރެޒިލްގެ ޕަލްމެއިރާސް އަތުން 3-2 އިން މޮޅުވެފައެވެ.