English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

ކޮވިޑް-19 އިން ރައްކައުތެރިވުމަށް އައްޑޫ ސިޓީގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމެއްގައި ބުނެފައި ވަނީ 10 ފެބުރުވަރީ 2021 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އައްޑޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށް، އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. ނަމަވެސް މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ނުހިމެނޭ ކަމަށް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

މީގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓާލުމަށާއި، ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށް ވަނީ އަންގައިފައެވެ.

އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށާއި، ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށްވެސް އަންގާފައިވެއެވެ.

މީގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުން ހުއްޓާލުމަށާއި، ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށްވެސް އެޗްޕީއޭ އިން އަންގާފައިވާއިރު، އޭގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުން ނުހިމެނޭ ކަމަށް އެ އެޖެންސީން ހާމަކުރެއެވެ.

އެޗްޕީއޭ އިން ބުނީ ކާފިއު ގަޑިން އިސްތިސްނާވެގެންވާ ފަރާތްތަކުގެ ތެރޭގައި ސިފައިންނާއި ފުލުހުން، ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އަދި އެމްބިއުލަންސް އާއި އައްޑޫ ޓާސްކްފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމަޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ހިމެނޭ ކަމަށެވެ.

އެޗްޕީއޭ އިން އައްޑޫ ސިޓީގައި ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ނިންމާފައި މިވަނީ އައްޑޫގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެންނެވެ. އެގޮތުން އައްޑޫން މިހާތަނަށް 49 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.