English Edition
Dhivehi Edition

ޖުމުހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ސިންގަޕޫރުގައި ފަރުވާކުރެއްވުމުގެ މުއްދަތު އިތުރު 10 ދުވަހަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިތުރުކޮށްދީފިއެވެ.

10 ދުވަހުގެ މުއްދަތަކަށް ސިންގަޕޫރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ދެއްވާފައިވާ ޤާސިމް އިބްރާހީމް ފަރުވާއަށް ސިންގަޕޫރުގައި މަޑުކުރެއްވުމުގެ އިތުރު މުއްދަތެއް ދެއްވީ، ޢާއިލާގެ ފަރާތުން ދެވަނަ ފަހަރަށް ކަމާ ގުޅުންހުރި އިތުރު ޑޮކިއުމަންޓްތައް, މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުމުން، އެ ލިޔެކިޔުންތަކަށް ރިޢާޔަތްކުރައްވާފައި ކަމަށް އާއިލާއިން ބުނެއެވެ.

ކަރެކްޝަންސް އިން ފުރަތަމަ ނިންމީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ނިންމުން މުރާޖާކޮށްދިނުމަށް ގާސިމްގެ އާއިލާ އިން އެދުމުން މިހާރު ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.

ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް ސޮއިކުރައްވައި ފޮނުވި އެ ސިޓީގައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ހިތުގެ އާލާސްކަންފުޅަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯއްދެވި ގާސިމް އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 13 ދުވަސް ފަހުންނެވެ.

ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ޖަލުހުކުމެއްގައި ގާސިމް ހުންނެވިއިރު، ޖަލަށް ހުކުމްކުރެވޭ އެހެން މީހުންނާ ޚިލާފަށް ޤާސިމްގެ ޖަލު ޙުކުމާ ގުޅިގެން ބޮޑެތި ލުއިތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިހާތަނަށް ދެއްވާފައިވެއެވެ. ޙުކުމް ކުރެވުނީއްސުރެ މިހާތަނަށްވެސް ޖަލުގައި ޙުކުމް ތަންފީޒުކުރުމަށް ޤާސިމް ނުގެންދަވައި ފަރުވާއަށް ދޫކުރައްވާފައި ބެހެއްޓެވުން ދެއްވި ލުއިތަކުގެ ތެރޭގައި ހިމެނެއެވެ.