English Edition
Dhivehi Edition
މެޑިކަލް އޮފިސަރ ޑރ. މުރުޝެދު ޗޯވްދްރީ ކޮވިޑް-19 އިން ދިފާޢުވާ ކޮވިޝީލްޑް ވެކްސިން ޖައްސަވަނީ ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލަކު ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރ ޑރ. މުރުޝެދް ޗޯވްދުރީ އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަށް ވަގުތީގޮތުން ބަދަލުކޮށްފިއެވެ،
މިކަމާއި ގުޅޭގޮތުން ފުވައްމުލަކު ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީގައި ކޮވިޑް-19 ރޯގާ ފެތުރި، އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުން ކަރަންޓީނުވާން ޖެހުމާއި ގުޅިގެން، އެ ހޮސްޕިޓަލަށް ދިމާވި ދަތި ވަގުތުގައި ފުވައްމުލަކު ހޮސްޕިޓަލުން ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާކަަމަށެވެ. މި ގޮތުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުވައްމުލަކު ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރ ޑރ. މުރުޝެދް ޗޯވްދުރީ، އޭ.އީ.އެޗް.ގައި މަސައްކަތް ކުރުމަށް ފުރާފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިހާލަތުގައި އޭ.އީ.އެޗް.އަށް ބޭނުންވާ އެހެނިހެން ކަންތައްތަކުގައިވެސް ފުވައްމުލަކު ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެ ހޮސްޕިޓަލުންވަނި ބުނެފައެވެ.
އަދި ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހޭ ދަނޑިވަޅުތަކުގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަންނީ މުވައްޒަފުން ދެމުންގެންދާ އެއްބާރުލެއްވުމަށް ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން މި ސަރަޙައްދުގައި ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރަޙައްދުގެ ރަށްތަކުގައި ދިރިއުޅުއްވާ ހުރިހާފަރާތްތަކުންވެސް ޞިއްޙީ ދާއިރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ފުވައްމުލަކު ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފައެވެ.