English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މާލެ އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ފުލުހުން ހިންގި އެއް އޮޕަރޭޝަނަކީ މާލެ އަތޮޅު ރިސޯޓެއްގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ބުނީ މި ފެބްރުވަރީ މަހުގެ 7 ވަނަ ދުވަހު ތުލުސްދޫގައި މަސައްކަތްކުރާ ފުުލުހުން ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ އޮޕަރޭޝަނުގެ ތެރެއިން، އެ ރިސޯޓުގައި އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 86 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން އެ އަވަށުގައި ހިންގި އެ އޮޕަރޭޝަނެއްގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 109 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.