English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި ހިންގާ 3އެސް ލައުންޖް ރެސްޓޯރެންޓް - ފޮޓޯ: 3އެސް ލައުންޖް

އައްޑޫ ސިޓީގައި ރެސްޓޯރެންޓާއި ކެފޭތައް ޢާންމުކޮށް ހުޅުވައިގެން ޚިދުމަތް ދިނުން މަނާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް 19 އާ ގުޅިގެން ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޕީއޭ އިން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން 08 ފެބްރުއަރީ 2021 ގެ ހަވީރު 16:00 އިން ފެށިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި އެޅުމަށް ކައުންސިލުން ނިންމާފައިވާ ފިޔަވަޅުތައް:

  1. އައްޑޫ ސިޓީގެ ކެފޭ ރެސްޓޯރެންޓްތަކުން ޓޭކް އަވޭ/ ޑެލިވަރީގެ ޚިދުމަތް ފިޔަވައި އާއްމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުން ހުއްޓާލުން. ޓޭކްއަވޭގެ/ ޑެލިވަރީގެ ޚިދުމަތް ދެމުންގެންދާއިރު ނަގުދު ފައިސާ ބޭނުންނުކުރުމަށާއި ތަނުގެ މުވައްޒަފުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރަމުންގެންދޭތޯ ކަށަވަރު ކުރުން.
  2. އައްޑޫ ސިޓީގައި ގާޑިޔާތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުން ހުއްޓާލުން.
  3. ކޮވިޑް19 އާއި ގުޅިގެން ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
  4. އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅުން.

މީގެ އިތުރުން މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.