English Edition
Dhivehi Edition

އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރަން މި މަހު ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށާ، އެހެން މަޝްރޫއުތައް ވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ކުންފުންޏަކާ ހަވާލު ކުރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭ އިތުރު މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ކުރިޔަށްގެންދާ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ އައްޑޫގެ އަވަށްތަކުގެ މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް މަގުތައް ހަދަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 25 ކިލޯމީޓަރުގެ މަގު ހަދަން ނިންމާފައިވާކަމަށާއި މިއީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށެވެ، އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ނިމޭއިރު އައްޑޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެކަން ފާހަގަކޮށް އަމީރު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އައްޑޫއަށް ގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން އައްޑޫ މަގު ހެދުމަށް ނިންމާފައިވާކަމަށާއި މި މަޝްރޫއުގެ ބީލަމުގެ މަސައްކަތް ނިމި މިމަހު ބަޔަކާއި ހަވާލު ކުރާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޕްލޭނިން މިނިސްޓްރީންވެސް، ކުރިން ވަނީ މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސަލްޓަންސީ މަސައްކަތް އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އަދި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުންޏާއި ހަވާލުކޮށްފައެވެ.