އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން 2-0 އިން ބާންލީ ބަލިކޮށް އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ދެމެހެއްޓިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 21 މެޗުން 47 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، ތިންވަނައިގައި އޮތް ލެސްޓާ އަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. ލިވަޕޫލް އޮތީ 40 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ބާންލީގެ ޓާފް މޫރ ގައި ރޭ ކުޅުނު މެޗުގައި ސިޓީން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމުން ލީޑްނެގީ ތިންވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ލީގުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އިލްކާއީ ގުންޑޮގަން ދިން ބޯޅައަކުން ސިޓީގެ ދެވަނަ ލަނޑުޖަހައިދިނީ މި މެޗުގައި އެ ޓީމުގެ ކެޕްޓަންކުރި ރަހީމް ސްޓާލިން އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ސިޓީގެ ލީޑް ފުޅާކުރުމަށް ސްޓާލިން އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މި ހާފުގައި ބާންލީގެ ފޯވާޑް މަޓެޖް ވީޑްރާ އަށް ލިބުނު ފުރުޞަތުގެވެސް ބޭނުންހިފޭގޮތެއްނުވިއެވެ.
ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި އެންފީލްޑްގައި ބްރައިޓަން އަތުން ބަލިވީ 1-0 އިންނެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި ލިވަޕޫލް އަތުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގައި ބްރައިޓަން އިން ޖެހި ހަމައެކަނި ލަނޑު، 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޓީވެން އަލްޒާޓޭ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލީގުގެ ފުލުން ތިންވަނައިގައި އޮތް ފުލަމް އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެ ލެސްޓާ ވަނީ ތިންވަނަ އަށް ޖެހިލާފައެވެ. މި މެޗުގައި ލެސްޓާ އިން ޖެހި ދެލަނޑުވެސް ޖޭމްސް މެޑިސަން ތަނަވަސްކުރި ފުރުޞަތުތަކުން ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯ އާއި ޖޭމްސް ޖަސްޓިން އެވެ.
ވެސްޓް ހޭމް ޔުނައިޓެޑުން ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން 3-1 އިން މޮޅުވިއިރު، ދާދިފަހުން ޔުނައިޓެޑުން ލޯން އެއްބަސްވުމެއްގައި އެ ޓީމަށް ބަދަލުވި ޖެސޭ ލިންގާޑް ދެލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ތޯމަސް ސޫޗެކް އެވެ. ވިލާގެ ހަމައެކަނި ލަނޑުޖަހައިދިނީ އޮލީ ވަޓްކިންސް އެވެ. ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި އެވަޓަން މޮޅުވީ 2-1 އިންނެވެ.