English Edition
Dhivehi Edition

“ނިދަނީތަ” އިމްޖާދު ސިހިގެން ދިޔައީ ކިއާރާގެ އިސްތަށިގަނޑުން ފޭބި ފެންތިކިތައް މޫނަށް އެޅުމުންނެވެ.

“ނޫނޭ..ހަމަ ޖައްސާލީ. މުޅިން ތެންމާލައިފިއެެއްނު” މާޒީގެ އުފާވެރި ސަފްޙާތައް އަލުން ކިޔަމުން ދިޔަ އިމްޖާދަށް ޚިޔާލީ ދުނިޔެއިން ނިކުންނަން ޖެހުނެވެ.

“އާނ..އެހެންޏާ! އެއާޕޯޓުން އައި ގޮތަށް ހެދުންވެސް ބަދަލުކޮށްނުލާ ތިއޮތީ އެނދަށް އަރާފައި” ކިއާރާ އިމްޖާދުގެ އަތުގައި ހިފާ އެނދުން ނެގިއެވެ.

“މިތަނަށް އާދެވުމުން އަހަރެމެންގެ ލޯބީގެ ބިންގާ އެޅުނު ގޮތް ހަނދާނަށް އައީ” ކިއާރާ ގަޔާ ކައިރިއަށް ދަމާލަމުން އިމްޖާދު ބުނެލިއެވެ.

“އަހަރެމެންގެ މުނިމާމަ ދަރިންނަށް ދައްކަން ތި ސްޓޯރީ ލިޔަން ވީއެއްނު” އިމްޖާދުގެ އަތުގެ ތެރެއިން ވީއްލިގަންނަމުން ކިއާރާ ބުނެލިއެވެ.

އެވަގުތު ކިއާރާގެ ފޯން ރިންގުވިއެވެ. ފޯނުގެ ސްކްރީނުން ފެންނަން އޮތް ނަމަށް ބަލާލެވުމާއެކު އޭނާގެ މޫނުމަތީގައި ހުރި އުފާވެރި ކަން ގެއްލިގެން ދިޔައެވެ.

“ކާކު؟” ކިއާރާގެ މޫނުގެ ކުލަވަރަށް އައި ބަދަލު އިމްޖާދަށް ފެނުނެވެ.

“އެކްސް ހަޒް” މަޑުމަޑުން ކިއާރާ ބުނެލިއެވެ.

“އަދިވެސް އޭނާ ގުޅަނީތަ؟ ކީއްކުރަން އޭނަ ކިއާރާއަށް މިހާރު ގުޅަންވީ؟ ދެން ފަހަރަކުން ގުޅައިފިއްޔާ މަގޭ އަތަށް ފޯނު ދީ” އިމްޖާދުގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

އިމްޖާާދާއި ކިއާރާގެ ކައިވެނި ވީ ދުވަހުން ފެށިގެން ކިއާރާގެ ކުރީގެ ފިރިމީހާގެ އުދަގޫ ކިއާރާ އަށް ދިޔައީ ފޯރަމުންނެވެ. ރޭގަނޑު ދަންވަރު ފޯނު ކުރުމާއި މެސެޖް ކޮށްފައި ބިރު ދެއްކުން ފަދަ ކަންކަން އޭނާ ދިޔައީ ކުރަމުންނެވެ. އެކަންތަކާ ކިއާރާ ބިރުން އުޅުނު ނަމަވެސް އިމްޖާދުގެ ލޯތްބާއި އަޅާލުމާއި ދޭ ހިތްވަރުގެ ސަބަބުން އެކަންތަކުން އަަރައިގަންނަން ކިއާރާއަށް ކޮޮންމެވެސް ވަރަކަށް ފަސޭހަވިއެވެ.

ވައިބަރ ގައި މެސެޖެއް އައި އަޑަށް ކިއާރާ ފޯނު ނަގައި ބަލާލިއެވެ. އެއީ އޭނާގެ ކުރީގެ ފިރިމީހާ ނިޒާމު ފޮނުވި ވީޑިއޯއެކެވެ. ވީޑިއޯ ހުޅުވާލުމާއެކު އޭނާގެ ދެފައިން ވާގި ދޫވެ ބިންމައްޗަށް ތިރިވިއެވެ. ވީޑިއޯ އާއެކު ފޮނުވާފައިވާ މެސެޖްގައި އޮތީ ވީއެންމެ އަވަހަކަށް އޭނާގެ އެކައުންޓަށް ވިހިހާސް ރުފިޔާ ޖަމާކޮށް ދިނުމަށާއި ނޫންނަމަ ވީޑިއޯ ލީކްކޮށްލާނެކަމަށެވެ.މިޖެހުނީ ކޮންފަދަ ބޮޑު މުސީބާތެއްގައި ހެއްޔެވެ. ގަސްތަކައި ނުލައި އޭނާއަށް އަޑުން އަޑުނަގައި ބާރަށް ރޯން ފެށުނެވެ.

ކިއާރާއަށް ވީގޮތް ފެނިފައި އިމްޖާދު ހާސްވިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ރަނެއް މަލެއްހެން ފޮޅިފައި އިން ކިއާރާއަށް ކުއްލިއަކަށް އެވީކިހިނެއްބާވައެވެ. އެނދުން ތެދުވެގެން ގޮސް އަވަސް އަވަހަށް އޭނާ ކިއާރާގެ އަތުން ފޯނު އަތުލިއެވެ.

“ކިހިނެއްވީ؟ ” ކިއާރާގެ މޫނުގައި ދެއަތުން ހިފަމުން ރޮމުން ދިޔަ ކިއާރާ ހަމައަކަށް އެޅުވޭތޯ އިމްޖާދު މަސައްކަތް ކުރިއެވެ. ބާރަށް ރޮމުން ދިޔަ ކިއާރާ މަސަލަސް ކުރަން އިމްޖާދަށް ވަގުތު ނެގިއެވެ.

“ނިޒާމް…ނިޒާމް..ވީޑިއޯ…” ކިއާރާއަށް ބުނެވުނީ އެހާ ހިސާބަށެވެ. އޭނާ ޚަބަރު ހުސްވެގެން އިމްޖާދުގެ އަތްދަނޑިމައްޗަށް ދެމުނެވެ. އިމްޖާދަށް ހަދާނެ ގޮތް ހުސްވިއެވެ. މިއީ މީގެ ކުރިން ކިއާރާއަށް ވީގޮތެއް ނޫނެވެ. އޭނާއަކީ ކަންކަމާ ބިރުގަންނަ ކުއްޖެއްކަން އިމްޖާދަށް އެނގެއެވެ. އެކަމަކު ބިރުން ގޮސް ހާލަތު މިދަރަޖައަށް ވެއްޓެން ޖެހޭފަދަ ކަމެއް އޮންނާނެއެކޭ އިމްޖާދަކަށް ގަބޫލެއް ނުކުރެވެއެވެ.

ކިއާރާ ނަގާ އެނދުގައި ބޭއްވުމަށް ފަހު އޭނާ ރިސެޕްޝަނަށް ގުޅާލިއެވެ. އަދި އައިސް އަލަމާރީގައި ހުރި ފެން ފުޅިއަކުން ތަށްޓަކަށް ފެން އަޅައިގެން ކިއާރާގެ މޫނުގައި އުނގުޅާލިއެވެ. ފިނި ފެނުގެ އަސަރު ކުރުމާއެކު ކިއާރާގެ އެސްފިޔަތައް މަޑުމަޑުން ތެޅިލިއެވެ. އަދި މަޑުމަޑުން ދެލޯ ހުޅުވުމަށްފަހު އިމްޖާދަށް ބަލާލިއެވެ.

“އަހަންނަށް ކިހިނެއްވީ؟ ” މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި ހާދިސާ ކިއާރާއަށް ނޭނގޭ ކަހަލައެވެ.

“ކަމެއް ނުވޭ” އޭނާ ކިއާރާ ގެނެސް ގަޔާ ކާރިކޮށްލިއެވެ.

އެވަގުތު ރޫމްގެ ދޮރުގައި ޓަކި ޖަހާލިއަޑުއިވުނެވެ. އެތަނުގެ ސްޓާފަކާއެކީ ހޮޓަލުގެ ޚާއްޞަ ޑޮކްޓަރުވެސް ހުއްޓެވެ. ޑޮކްޓަރ އައިސް ކިއާރާ ބަލާލުމަށް މާ ބޮޑު ކަމެއް ނެތްކަމަށް ބުންޏެވެ. ނަމަވެސް ކުޑަކޮށް ބީޕީ މަތިވެފައިވާ ކަމަށާއި ރިލެކްސް ކޮށްލުމުން އޯކޭ ވާނެ ކަމަށް ބުންޏެވެ.

ޑޮކްޓަރު ދިއުމުން ކިއާރާ އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ކިއާރާ ހަމަޖެހިލައިގެން އޮށޯވެގެން އޮތްތަން ފެނުމުން ކިއާރާގެ ފޯނު ހިފައިގެން އިމްޖާދު ފާޚާނާއަށް ވަނެވެ. މި ފޯނުން ދެންމެ ކިއާރާއަށް ފެނުނީ ކޮންއެްޗެއްތޯ ބަލާލަން އިމްޖާދު ހުރީ ކެތްމަދުވެފައެވެ.

ވައިބާގައި އެންމެ ފަހުން ނިޒާމު ފޮނުވި ވީޑިއޯ މެސެޖް އިމްޖާދަށް ފެނުނެވެ. ފޯނުގެ އަޑު ސައިލެންޓަށް ލުމަށްފަހު އޭނާ އެ މެސެޖް ހުޅުވާލިއެވެ. އެއާއެކު ފައިދަށުން ބިންގަޑު ދެމިގެންދިޔަހެން އޭނާއަށް ހީވިއެވެ. ދެފައި ތުރުތުރުއަޅަން ފެށުމުން ދޮރުގެ ކަނީގައި އޭނާގެ އަތުން ބާރަށް ހިފަހައްޓާލިއެވެ. މިއީ ކޮންފަދަ ގޮތް ކުޑަކަމެއް ހެއްޔެވެ. ނިޒާމާ އެއްވަރަށް އޭނާއަށް އެވަގުތު ކިއާރާ ދެކެވެސް ރުޅި އާދެވުނެވެ. ކިއާރާގެ ބައިވެރިވުން ނެތި މިފަދަ ކަމެއް ނުކުރެވޭނެއެވެ. ވީޑިއޯގައި ފެންނަނީ ކިއާރާ ފެންވަރަން ހުރި ތަނެވެ. މި ވީޑިއޯ ނިޒާމުގެ ފަރާތުން އެހެންމީހަކަށް ފެނިއްޖެއްޔާ ކިއާރާގެ ނަމާއެކު އޭނާވެސް ބަދުނާމު ވާނެއެވެ.

އިމްޖާދު ފާޚާނާއިން ނިކުމެގެން ސީދާ ކިއާރާއާއި ދިމާއަށް ދިޔައެވެ. އޭރު އެފިނި ކޮޓަރި ތެރޭގައި ވެސް އޭނާހުރީ ދާހިއްލާ ފޯވެފައެވެ.

“މިއީ ކޮންކަމެއް؟ ކޮންއިރަކު ކޮށްފައި ހުރި ކަމެއްތަ މިއީ؟” ކިއާރާގެ ޙާލަތު މިފަދަ ސުވާލެއް ކުރުމަށް މިވަގުތު އެންމެ މުނާސަބު ނޫންނަމަވެސް އިމްޖާދަށް މިވަގުތު އެކަންތައްތައް އެނގެން ވަރަށް މުހިއްމެވެ.

އިމްޖާދުގެ ސުވާލާއެކު ކިއާރާ އަނެއްކާވެސް ރޯންފެށިއެވެ. ގިސްލަ ގިސްލަމުން އޭނާ ރޮމުން ދިޔައިރު މިފަހަރު އޭނާ ހުއްޓުވާކަށް އިމްޖާދު މަސައްކަތެއް ނުކުރެއެވެ. އޭނާގެ ސިކުނޑީއޮތީ ގަނޑުވެފައެވެ.

“ސޮރީ” ކަރުނަވީ އަޑަކުން ގިސްލުމުގެ ތެރެއިން ކިއާރާގެ އަޑުއައެވެ.

“މީގެ ސަބަބުން ބަދުނާމުވާނީ ކިއާރާ އެކަންޏެއް ނޫން. އަހަރެންވެސް ބަދުނާމު ވާނެ. މިޒަމާނަކީ ސޯޝަލް މީޑިއާގައި ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުންކަމެއް ކުރެވޭ ޒަމާން. މިފަދަ އެއްޗެއް ނިޒާމުގެ އަތުގައި އޮވެ އޭނާ މި ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއަރ ކޮށްފިއްޔާ ވާނީ ކިހިނެއް” ވާހަކަ ދެއްކި އިރުވެސް އިމްޖާދުގެ އަޑު ތުރުތުރު އަޅައެވެ. އެމީހުންގެ މިއޮތް އުފާވެރި ހަނީމޫން ވެސް މުޅިން ޚަރާބުވީއެވެ. ދެކެމުން ދިޔަ އުފާވެރި ހުވަފެންތައް އަދި ނިދިން ހޭނުލެވެނީސް ވަޔަށް ބުރައިގެން ދިޔައީއެވެ.

“އަހަންނަށް ކުރިން ތިވާހަކަތައް ކިޔައި ނުދެވުނުކަން އެއީ އަހަރެންގެ ކުށް…” ގިސްލަމުން ކިއާރާ ވާހަކަ ދެއްކިއެވެ.

“އަސްލު..ނިޒާމް..ނިޒާމަކީ ވަރަށް ނުބައި މީހެއް. ފިރިއެއްގެ ނުބައި ވާހަކަ ދައްކަން ނުޖެހޭނެކަން އެނގޭތީ އަހަރެން އެވާހަކަ ނުބުނީ. އޭރު ހިތަކަށް ނާރާ ނިޒާމުގެ ނުބައިކަން ހައްދުފަހަނަޅައިގޮސް މިހާ ހިސާބަށް މިކަންތައްތައް ދާނެއެކޭ” ކިއާރާ އޭނާގެ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.

“ނިޒާމު އަހަންނަށް މަޖުބޫރު ކުރުވައިގެން ފޯނުން ވަރަށް ގިނަ ފަހަރު ވީޑިއޯ ކުރޭ. ބައެއްފަހަރު މަޖަލަކަށް ހަދައިގެން އަހަރެން ފެންވަރަން ހުންނައިރުވެސް ވީޑިއޯ ކުރާނެ. އެ ވީޑިއޯތައް ޑިލީޓް ކުރާށޭ ކިތަންމެ ފަހަރަކު ބުނަން. އެކަމަކު ފޯނުން ޑިލީޓް ކުރިއަސް އޭނަގެ ލެޕްޓޮޕްގައި ބައެއް ވީޑިއޯތައް ސޭވްކޮށްފައި ހުރޭ. އަހަރެން އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކީމާ ބުނީ ފަހުން ކޮށްލާނަމޭ. ދެން ފިރިމީހާ ވީމާ އެހާބޮޑަށް އެކަމަށް އަޅާ ނުލެވުނީ” ރޮމުން ރޮމުން އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.

“އަހަރެން ހިއްޔެއް ނުކުރަން ނިޒާމު މިގޮތަށް އަހަރެންގެ ކިބައިން ބަދަލު ހިފަން އުޅޭނެޔޭ. އަހަންނަށް ބޭވަފާތެރިވީވެސް އޭނަ. އަހަރެން އޭނާގެ ޙަޔާތުން ދުރަށް ދާން ޖެހުނީވެސް ހަމަ އޭނާގެ ސަބަބުން..މިހާރު މިގޮތަށް އަހަރެން ބްލެކްމެއިލް ކޮށް އަހަރެންގެ ޙަޔާތް އަނދަވަޅަކަށް ވައްޓާނޭކަމަކަށް ހިއްޔެއް ނުކުރަން…އަހަރެންގެ ނަސީބުގައި އުފަލެއް ލިބެންނެތީކަންނޭނގެ” ގިސްލުމުގެ ތެރެއަށް ކިއާރާގެ އަޑު ހިނދިގެން ދިޔައެވެ.

އިމްޖާދު މަޑުން ކިއާރާއާއި ގާތަށް ޖެހިލިއެވެ. ކިއާރާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނައިން އޭނާގެ ރުޅިގަނޑު މުޅިން ވަޔަށް ބުރައިގެން ހިނގައްޖެއެވެ. ކިއާރާ މިކަމުން ސަލާމަތް ކޮށްދިނުމަށް އޭނާ ބޭނުމެވެ. ކިއާރާގެ ފަސްބައި އުފަލުން ފުރާލަދިނުމަށް މާ ކުރިންވެސް އޭނާއޮތީ ކިއާރާގާތު ވައުދުވެފައެވެ. ފުރިހަމަ ފިރިހެނަކަށް ވެގެން އޭނާ މިކަމާ ކުރިމަތިލާނީއެވެ. ނިޒާމު ކަހަލަ ފިނޑި ފިރިހެނަކަށް އޭނާ ބޭނުންގޮތަކަށް ކަންތައްތައް ވުމަށް އިމްޖާދު ދުލެއް ނުކުރާނެއެވެ.

އިމްޖާދު މަޑުކުރީ ކިއާރާ ނިދާ ހަމަޖެހެން ދެނެވެ. ނިދީކަން ޔަގީން ވުމުން އިމްޖާދު އޭނާގެ ފޯނުން ރައްޓެއްސަކަށް ގުޅާލިއެވެ. އެއީ ފުލުހުންގެ އިސް މަގާމެއް އަދާކުރަމުން ދާ އިމްޖާދުގެ ދުވަސްވީ ގާތް ރަޙްމަތް ތެރިއެކެވެ. ރަޙްމަތެރިޔާއަށް ގުޅުމަށްފަހު އިމްޖާދު ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އަދި ނިޒާމުގެ ހުރިހާ މައުލޫމާތެއް ދިނެވެ.

“ކަންބޮޑުނުވޭ ބްރޯ..ހުރިހާ ކަމެއް އޯކޭވާނެ. ހަނީމޫންގެ ބާކީބައި ކުރިއަށް ގެންދޭ. ވަގުތުން ވަގުތަށް ތިކަން ރިޕޯޓްކުރިކަން ވަރަށް ރަނގަޅު. ގިނަފަހަރަށް މިކަހަލަކަންތައް ތައް ކަމާ ބެހޭ ފަރާތަށް ސިއްރުކޮށް އަމިއްލަ އަށް މިކަން ހައްލުކުރަން އުޅުމުން މާ ބޮޑަށް ގޯސްވަނީ. މިހާރު ދެން ނިޒާމަކަށް ތިޔަ ކުޅިވަރެއް ނުކުޅެވޭނެ. އޮން ޓައިމްގައި ތިކަން އެލާޓަށް ގެނައިކަން އެއީ ކުރި ވަރަށް ރަނގަޅު ކަމެއް” އެކުވެރިޔާގެ ހިތްވަރުގެ ބަސްތަކުން އިމްޖާދުގެ ހިތްހަމަޖެހުނެވެ. އޭނާ ކިއާރާގެ މޫނަށް ބަލައިލިއެވެ. އެ ރީތި މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ނިދީގައި ވެސް އެމޫނުމަތިން އުފާވެރިކަމެއް ފެންނާކަށް ނެތެވެ.

އިމްޖާދު ގުދުވެލަމުން ކިއާރާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. ނިދީގެ ތެރޭގައި އޮވެ ކިއާރާ އިމްޖާދުގެ ހަށިގަނޑާ ގާތަށް ޖެހިލިއެވެ. ކުޑަކުއްޖަކު ކަމަކާއި ބިރުން މަންމަގެ އުނގުގެ ހިމާޔަތަށް ވަންނާނެފަދައަކުންނެވެ. އިމްޖާދު ކިއާރާގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. ދިރިއުޅުމުގެ ހުރިހާ މުސީބާތްތަކުން އޭނާގެ ލޯބިވާ އަންހެނުން ހިމާޔަތްކޮށް ރައްކާތެރިކޮށް ދިނުމަކީ މީގެ ކުރިންވެސް އޭނާ ކިއާރާއަށް ވެފައިވާ ވައުދެކެވެ. އީކުއޭޓަރ ވިލެޖްގެ ރީތި ގޮނޑުދޮށުގައި ހަނދުވަރުގެ އަލިކަމުގައި ތަރިތައް ހެކިކޮށް އޭނާވީ މިވައުދު ފުއްދުމަށް އަބަދުވެސް މަސައްކަތް ކުރާނެއެވެ.

އިމްޖާދު އޭނާގެ އަތުގެ ތެރޭގައި ކުޑަކުއްޖަކު ފަދައިން ނިދާފައި އޮތް ކިއާރަށް ބަލާލުމަށްފަހު ހިނިތުން ވެލިއެވެ. އެވަގުތު އޭނާގެ ޚިޔާލަށް އައީ ގުގުރީގެ އަޑަށް ބިރުން އޭނާގެ އަތުގެ ހިމާޔަތް ހޯދި ކިއާރާއެވެ. އެ ޚާއްޞަ ވަގުތެވެ.

-ނިމުނީ-

3 ކޮމެންޓް
ޝިމްލާ އަހްމަދު
ސެޕްޓެމްބަރު 20, 2017
ވާހަކަ ނިމިއްޖެ ނޫންތޯ؟
Seema fathun
ސެޕްޓެމްބަރު 20, 2017
Haadha lahunney up vany
Aminath
ސެޕްޓެމްބަރު 13, 2017
Mi vaahaka v riwethi v key hithun mi k ly