ކޮޕާ އިޓާލިއާގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެލަނޑާއެކު އިންޓަ މިލާންގެ މައްޗަށް 2-1 އިން ހޯދީ މޮޅާއެކު ޔުވެންޓަސް އިން އެ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް އަށް އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ.
އިންޓަގެ ސެންސީރޯގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ ނުވަވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް ލޮޓާރޯ މާޓިނޭޒް ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 26 ވަނަ މިނެޓުގައި ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ އަށް އިންޓަގެ އޭޝްލީ ޔަންގް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްދިނީ ރޮނާލްޑޯ އެވެ.
ޔުވެންޓަސް އިން އެއްވަރުކުރިތާ ނުވަ ވަރަކަށް މިނެޓުގެ ތެރޭގައި، އެ ޓީމު މޮޅުވި ލަނޑުޖަހައިދިނީ ވެސް ރޮނާލްޑޯ އެވެ. މިއީ އިންޓަގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗަކީ ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ކެރިއަރުގައި ސީނިއާ ޓީމަށް ކުޅުނު 1،100 ވަނަ މެޗެވެ.
މި މުބާރާތުގައި މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ނަޕޯލީގެ ދަނޑުގައި އެ ޓީމު ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 00:45 ގައެވެ.