އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރގެ މަޤާމުގައި ހުންނެވި މުޙައްމަދު ޔަސްރިފް، އެ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި ޔަސްރިފް، ޑެޕިޔުޓީ މޭޔަރގެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދު އެވެ.
ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޑެޕިޔުޓީ މޭޔަރގެ މަޤާމުގައި ހުންނަވައިގެން އައްޑޫ ސިޓީ ކައުންސިލަށާއި މުޅި އައްޑޫ ސިޓީއަށްވެސް ޔަސްރިފް ކޮށްދެއްވި ފުރިހަމަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އޭނާ އަށް މޭޔަރ އާއި ސިޓީ ކައުންސިލްގެ އެންމެހައި މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށާއި، މުސްތަޤުބަލުގައިވެސް ޔަސްރިފަށް އުފަލާއި ކާމިޔާބީއަށް އެދޭ ކަމަށެވެ.
ޔަސްރިފް އިސްތިއުފާ ދެއްވި ސަބަބެއް ކައުންސިލުން ހާމަކޮށްފައި ނުވާއިރު، ޔަސްރިފް “އޭއޯ ނިއުސް” އަށް މަޢުލޫމާތު ދެއްވި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވީ އެއްވެސް ކަހަލަ ސިޔާސީ މައްސަލައެއްގައި ނޫން ކަމަށާއި އަމިއްލަ މަސްލަހަތާއި ގުޅުން ހުރި ކަމެއްގައި މިވަގުތު އެމަގާމު އަދާ ކުރެވެން ނެތުމުން ކަމަށެވެ.
މުޙައްމަދު ޔަސްރިފް ކޮށްދެއްވި ފުރިހަމަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެމަނިކުފާނަށް މޭޔަރ އާއި ސިޓީ ކައުންސިލްގެ އެންމެހައި މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވަން. އަދި މުސްތަޤުބަލުގައިވެސް މުޙައްމަދު ޔަސްރިފަށް އުފަލާއި ކާމިޔާބީއަށް އެދެން. (2/2) pic.twitter.com/cCAk66075F
— Addu City Council (@AdduCityCouncil) February 2, 2021
އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު ކަމުގެ ޒިންމާއާ ޔަސްރިފް ޙަވާލުވެ ވަޑައިގެންނެވީ 2017 ވަނަ އަހަރުގައެވެ. އޭގެ ކުރިން ދައުރުގައި ޔަސްރިފް ހުންނެވީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައެވެ.
އަދި މިއަދު ޑެޕިޔުޓީ މޭޔަރގެ މަޤާމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް، ޔަސްރިފް އަދިވެސް ހުންނަވާނީ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރުގެ މަޤާމުގައެވެ.