English Edition
Dhivehi Edition

ކޮވިޑް 19 ކޭސްތަކާއި ގުޅިގެން ގއ. ދެއްވަދޫ އަށް މީހުން އަރައި ފޭބުން މަނާކޮށް ނެރުނު މޮނިޓަރިން ހާލަތު މިއަދު އުވާލައިފިއެވެ.

ދެއްވަދޫ މޮނިޓަރިން ހާލަތަށް ގެންގޮސް ރަށަށް އަރައި ފޭބުން މަނާކުރީ 7ޖެނުއަރީ 2021 ގައެވެ. އެރަށުގެ މޮނިޓަރީންގެ ހާލަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ [އެޗްޕީއާއޭ] އިން އުވާލެވިފައިވަނީ 25 ދުވަސް ފަހުންނެވެ.

ޑިރެކްޓަރު ގެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި ލިޔުމެއްގައި ވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ދެއްވަދޫގެ ކްލަސާޓާއިން 95 އަށްވުރެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި ދެއްވަދުއިން ޕޮޒިޓިވެފައިވަނީ 69 މީހެކެވެ. އޭގެ ތެރެއިން ހާލަތު ގޯސްވެ، ވިލިނގިލީ ކޮވިޑް ފެސިލިޓީގައި 79 އަހަރުގެ މީހަކަށް ފަރުވާދެމުން އަންނަ އިރު މިހާރު އޭނަގެ ޙާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.