English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއްނެގިއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ސިޓީ އަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި 21 މެޗުން ހޯދި 41 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑް އެވެ. ސިޓީ އެއް މެޗު މަދުން ކުޅެފައިވާއިރު، އެ މެޗު ކާމިޔާބުކޮށްފިނަމަ ލީޑް ހަ ޕޮއިންޓަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 39 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 37 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

Advt

Advertisement

ސިޓީގެ އެއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ގިނަ ބަދަލުތަކާއެކު ނިކުމެ އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އެވެ. މިއީ ސްޕެއިންގެ އަރަމުން އަންނަ ވިންގާ ފެރާން ޓޮރޭޒް ދިން ބޯޅައަކުން ޖެސޫސް ކާމިޔާބުކުރި ގޯލެކެވެ. އަދި މިއީ ސިޓީގެ ޖާޒީގައި ޖެސޫސް އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ.

މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ސިޓީ އަށް ލީޑްފުޅާކުރުމަށް ބެނާޑޯ ސިލްވާގެ އިތުރުން ޖެސޫސް އަށް ލިބުނު ފުރުޞަތުތައް ބޭކާރުވިއިރު، މެޗު ނިމެން ދަނިކޮށް ނަތީޖާ ހަމަހަމަކުރުމަށް ޝެފީލްޑްގެ ޖޯން ފްލެކް އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ރޭގެ މެޗާއެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި 500 މޮޅު ހަމަކޮށްފައިވާއިރު، އެ ޓީމުން ވަނީ މި ސީޒަނުގައި އެންމެ ފަހުން ކުޅުނު 12 މެޗު ކާމިޔާބުކޮށް އެ ކްލަބުގެ ތާރީޚުގައި ރެކޯޑް ގާއިމްކޮށްފައެވެ.

ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި އާސެނަލްގެ ދަނޑުގައި ރޭ ޔުނައިޓެޑާ ވާދަކުރި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، މުޅި މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އާސެނަލްގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭ ޕެނަލްޓީއޭރިޔާބޭރުން ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ވަނީ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައެވެ.

ރޭގެ މެޗުގައި އާސެނަލްގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ބުކާޔޯ ސާކާ އާއި ކިއެރަން ޓިއާނީ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނުއިރު، އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވެސް ނުކުޅެއެވެ. ނިސްބަތުން އާދައިގެ ގޮތަކަށް ފެނުނު އާސެނަލް ބަލިކުރުމަށް ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އަށް ވަނީ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެވަޓަންގެ ދަނޑުގައި 2-0 ގެ ތަފާތަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވެ އިތުބާރު ހޯދިއިރު، ކްރިސްޓަލް ޕެލަސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވުލްވްސް ބަލިކޮށްފައެވެ. ވެސްޓް ބްރޮމްއާ ދެކޮޅަށް ފުލަމް ކުޅުނު ވާދަވެރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.