English Edition
Dhivehi Edition
Adorable little girl in pink nightie sleeps in the bed on a white background.

ސައިންސްގެ ނަޒަރުން ނިދުމަށް ބަލާއިރު ގިނައިރު ނިދުމާއި، ނިދުމުގެ ކޮލިޓީއަކީ މުހިއްމު ދެކަމެވެ. މިދެކަމުގެ ސަބަބުން ހަށިގަނޑާއި، ސިކުނޑިއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. މިދެކަމުގެ އިތުރުން ނިދުމުގައި ވިސްނަންޖެހޭ ތިންވަނަ ކަމަކީ ގަވައިދުން ނިދުމެވެ. ކޮންމެ ރެއަކުވެސް އެއްވަގުތެއްގައި ނިދަން ދިޔުމުގެ ސަބަބުން ވަރަށްގިނަ ފައިދާތަކެއް ލިބިގެން ދެއެވެ.

ފަހަކަށް އައިސް ނިދުމަކީ ވަރަށްގިނަ މީހުން ފަރުވާކުޑަކުރާ ކަމެކެވެ. ސިއްޙީގޮތުން ރަނގަޅު ނިދުމެއް ލިބެނީ ވަރަށް މަދުބަޔަކަށެވެ. އޭގެ ސަބަބުން ދިނުމުން ލިބިދޭ ފައިދާތައް އިޙްސާސް ނުކުރެވެއެވެ. ކޮންމެ ރެއަކު އެއްގަޑިއެއްގައި ނިދަން އޮށޯތުމަކީ ކުޑަކުދިން ކުރަންޖެހޭ ކަމެއްްކަމަށް ގިނަ ފަހަރަށް އޮންނަނީ ވިސްނިފައެވެ. ނަމަވެސް މިކަމަކީ ހުރިހާ އުމުރަކަށް އޮތްކަމެކެވެ.

ވަކި ގަޑިއަކަށް ނިދަން އާދަކުރުމުގެ ސަބަބުން ނިދުމަށް ހޭދަވާ ވަގުތު ވަރަށްބޮޑަށް ކުޑަވެގެން ދެއެވެ. އަދި އޭގެ ސަބަބުން ނިދުމުގެ އެކި މަރުހަލާތަކަށް މީހާ ދާ ވަގުތުވެސް ތަފާތުވެގެން ދެއެވެ. ނިދުމަކީ ސިކުނޑިއަށް ލިބޭ އަރާމަކަށްވާއިރު ވަކި ތާވަލެއްގެ ދަށުން އެކަން ކުރުން މުހިއްމެވެ. ޙާއްސަކޮށް ކިޔަވާކުދިން މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. ސަބަބަކީ ނިދުމަށް ވަކި ތާވަލެއް ނެތްނަމަ އޭގެ އަސަރު ކިޔެވުމަށް ވަރަށްބޮޑަށް ކުރާނެތީއެވެ.

އުމުރުގެ ގޮތުން ވެސް ނިދުމަށް ތަފާތުތަކެއް ގެންނަން ޖެހެއެވެ. އެގޮތުން ފުރާވަރުގެ ކުދިން މަދުވެގެން 9 ނުވަތަ 10 ގަޑިއިރަށް ނިދަން ޖެހެއެވެ. އަދި ޒުވާނުން 7 ނުވަތަ 8 ގަޑި އިރު ނިދަން ޖެހެއެވެ. މިގޮތަށް ނިދުމުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކާއި ސިކުނޑިއަށް އަންނަ ލޮޑުކަން ކުޑަވެގެން ދެއެވެ.

ހަމަ ނިދި ނުހޯދާ ކުދިންގެ ދިރިއުޅުން އުފާވެރި ނުވާކަން ވެސް ބައެއް ހޯދުންތަކުން އެނގިފައިވެއެވެ. އެގޮތުން ރަނގަޅު ނިދި ނުލިބޭނަމަ މީހާގެ މޫޑް ބަދަލުވެ އަވަހަށް ރުޅިއާދެވެއެވެ. އޭގެ ސަބަބުން ލޭމައްޗަށްދާ ބަލި ފަދަ ބަލި ޖެހުން ގާތެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހަފްތާގެ ރަސްމީ ދުވަސްތަކުގައި ގިނަ މީހުން ނިދުމަށް ވަކި ތާވަލެއް ހަދައިގެން ނިދައެވެ. ނަމަވެސް ހަފްތާބަންދާއި، ރަސްމީ ބަންދުތަކުގައި ނިދާ ވަގުތު ލަސްކުރުމާއި، ހޭލާ ވަގުތު ލަސްކުރުން އާއްމުކަމަށް ފާހަގަ ކުރެވެއެވެ. މިގޮތަށް ކަންތައްކުރުމުންވެސް ނިދުމަށް އޭގެ އަސަރު ކުރެއެވެ. ގިނަ ދުވަހު އެއްތާވަލަކަށް ނިދާފައި ކުއްލިއަކަށް ނިދާ ވަގުތަށް ބަދަލުތައް ގެނައުމުން ސިކުނޑިއާއި ހަށިގަނޑުގެ ގުނަވަންތަކަށް އޭގެ އަސަރުކުރެއެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި ނިދުމަކީ ކުޅިވަރެއް ކަހަލަ ކަމެކެވެ. ބޭނުން ގަޑިއެއްގައި ނިދާފައި ބޭނުން ގަޑިއެއްގައި ހޭލުމުން ނިދި ހަމަޖެހުނީކަމަށެވެ. ނަމަވެސް ނިދިން ލިބޭ ފައިދާ ލިބޭނީ ނިދުމަށް އެކަށީގެންވާ ގޮތެއްގައި ވަކި ހަމަތަކެއްގެ މަތިން ނިދުމުންނެވެ.