ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބެކަޕް ޖަނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
ތިން ރަށެެއްގެ ހޮސްޕިޓަލުގައި ބެކަޕް ޖަނެރޭޓަރު ބެހެއްޓުމުގެ މަސައްކަތުގެ މަޝްރޫޢުގެ ދަށުން ބެކަޕް ޖަނެރޭޓަރު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ.
ހެލްތު މިނިސްޓްރީން މިމަޝްރޫޢު ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަޙްމަދު އާދިލްއެވެ. މި ރަސްމިއްޔާތުގައި ޙެލްތު މިނިސްޓަރވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޮސްޕިޓަލްތަކަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދިނުމަށް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ބެކަޕް ޖަނެރޭޓަރު ބެހެއްޓުމުގެ މައްސަކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އާ ޢިމާރާތް އެޅުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާކުކޮށްގެން ކުރިއަށްދައިރު ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަޞީލަތް ހަމަކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.
އަދި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ގދ. ތިނަދޫ އައު ޓާޝިއަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ ޕްލޭނިންގ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.