English Edition
Dhivehi Edition

ގދ. ތިނަދޫގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަސް ގަންނަ ސެންޓަރު ތަޢާރަފްކޮށްފިއެވެ.

މިރޭ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިކަމަށް ހާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ. މިނިސްޓަރުގެ އިތުރުން މިފްކޯގެ ސީ.އީ.އޯ އިސްމާއިލް ފައުޒީ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މަސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

މިފްކޯއިން ތަފްސީލާއެކު މި ރަސްމިއްޔާތުގައި ދައްކާލި ކުރެހުމުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން ތިނަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަސް ގަންނަ ސެންޓަރުގައި 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއްގެ އިތުރުން ބްރައިން ފްރީޒިންގ، ލެބޯރޓަރީ އަދި ވެއާރ ހައުސްގެ ހިދުމަތް ލިބެން ހުންނާނެއެވެ. މި ސެންޓަރު އެޅުމަށް ތިނަދޫ ކައުންސިލާއެކު މިހާރު މަޝްވަރާކުރެވިފައި ވަނީ ތިނަދޫ އައިސް ޕްލާންޓާއި އެ ސަރަހައްދުގައި ހުރި “އޮކްސް އެނާރޖީ” ޕެޓްރޯލް ޝެޑާއި ދެމެދަށް ވާގޮތަށް އޮތް ހުސް ބިމުގައެވެ.

މި ރަސްމިއްޔާތުގައި ދައްކާފައިވާ “3-ޑީ” ކުރެހުމަކީ ސީދާ އެ ސެންޓަރު ހުންނާނެގޮތް ނޫން ކަމަށާއި ކުރެހުން ފައިނަލް ކުރާނީ އެކަމަށް ޤާބިލު ޑިޒައިނަރުން ކަމަށްވެސް މިފްކޯއިން މަޢުލޫމާތު ދެއެވެ. މި މަޝްރޫއުގެ ސަބަބުން މި ސަރަހައްދުގެ މަސްވެރިކަމަށް ކުރިއެރުން ލިބުމުގެ އިތުރުން ތިނަދޫއާއި ކައިރި ރަށްރަށުގެ މީހުންނަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ދާއިރާއާއި ގުޅުންހުރި ތަމްރީނުތައް ދެވޭނެކަމަށް ވެސް މިފްކޯއިން ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ މި މަޝްރޫޢަކީ 66 މިލިއަން ދިވެހި ރުފިޔާގެ ޕްރޮޖެކްޓެއް ކަމުގައެވެ. އަދި މަސްވެރިންނަށް ލުއިފަސޭހަތަކެއް ހޯދައި ދިނުމަށްޓަކައި ތިނަދޫ ކައުންސިލުން ވެދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓަރު ވަނީ އެ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.