ސަރުކާރުގެ ރިޔާސީ ވައުދާ އެއްގޮތަށް، މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުތަކަށް 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި ކަންނެލި ގަންނަމުންދާނީ ބަރުދަނަށް ބަލައި ދެ އަގެއްގައެވެ. އެގޮތުން 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ކަންނެލި ގަންނާނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.
މި އުސޫލުގެ ދަށުން އިއްޔެ ވަނީ ކޫއްޑޫ، އައްޑޫ، ފުވައްމުލައް އަދި ގދ. ގައްދޫ އާއި ތިނަދޫ ސަރަހައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރަށް ކަންނެލި ގަންނަން ފަށާފައެވެ. މީގެ ކުރިން މި މަހުގެ 11 ވަނަ ދުވަހު ކަނޑުއޮތްގިރިން އެކަނި ކަންނެލި ގަތް ނަމަވެސް، މިހާރު މި ވަނީ މިފްކޯގެ ހުރިހާ ސެންޓަރަކާއި ބޯޓުތަކަށް ވެސް މި ޚިދުމަތް ފުޅާކޮށްފައެވެ.
މިފްކޯއިން ބުނީ ކަޅުބިލަމަހެކޭ އެއްފަދައިން، ކިރުވާ ކަންނެލި މަހަށް ވެސް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުން ގެންދާނެ ކަމަށެވެ.
މިފްކޯއަށް ބޮޑު ކަންނެލި ގަތުމަކީ މި ސަރުކާރުގެ މުހިންމު ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދުމަށް ގޮވާލައި، މިދިޔަ މަހު ފާހަގަކުރި މަސްވެރިންގެ ދުވަހު ގިނަ އަދަދެއްގެ ދޯނިފަހަރުން ވަނީ މާލެ ފަޅުތެރޭގައި އިހުތިޖާޖު ވެސް ކޮށްފައެވެ. ކަންނެލި ގަންނަން ފެށި ނަމަވެސް، ހުޅުމާލޭގައި ގާއިމުކުރަން ވައުދުވި ކަންނެލި ފެކްޓްރީގެ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.