English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ތާވަލްގެ އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑުން މިވަގުތު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެއްޖެއެވެ.

މިއީ 1992 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑްގެ ދަނޑުގައި ޝެފީލްޑް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމުން މި ފަހަރުގެ ސީޒަނުގައި ލީގުގައި އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފައެވެ. މީގެއިތުރުން، ރޭގެ މެޗަކީ މިފަހަރުގެ ސީޒަނުގައި ލީގުގައި ޝެފީލްޑް މޮޅުވި ދެވަނަ މެޗެވެ.

ރޭގެ ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 20 މެޗުން ހޯދީ 40 ޕޮއިންޓާއެކު ދެވަނައިގައެވެ. އޭގެ އެއް ޕޮއިންޓް ކުރީގައި އެއް މެޗު މަދުން ކުޅެގެން ވާދަވެރި މެންޗެސްޓާ ސިޓީ އެއްވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. ހަތަރުވަނައިގައި 35 ޕޮއިންޓާއެކު އޮތީ ވެސްޓް ހޭމް ޔުނައިޓެޑެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ޝެފީލްޑުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ޖަހައިދިނީ ކީން ބްރަޔަން އެވެ. މިއީ އެ ޓީމުގެ ޖޯން ފްލެކް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ބްރަޔަން ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު ޝެފީލްޑްގެ ކެޕްޓަން ބިލީ ޝާޕް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ.

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޝެފީލްޑް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

މި މެޗުގެ 64 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ވަނީ އަލެކްސް ޓެލެސް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ޝެފީލްޑަށް ދެވަނަ ފަހަރަށް ލީޑްނަގައިދީ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްކޮޓްލެންޑްގެ މިޑްފީލްޑަރު އޮލިވާ ބާކް އެވެ. ޝެފީލްޑްގެ ކަނާތް ފަޅިން ޖޯން ލަންޑްސްޓްރަމް ތަނަވަސްކުރި ފުރުޞަތަކުން ބާކް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަނީ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު އެކްސެލް ޓުއަންޒޭބޭ ފައިގައި ޖެހިފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޗެލްސީގެ ކޯޗުކަމާ ހަވާލުވިތާ 24 ގަޑިއިރުގެ ތެރޭގައި އައު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ނިކުތް ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ވުލްވްސްއާ ވަނީ 0-0 އިން ލަނޑެއްނުޖެހި އެއްވަރުވެފައެވެ.

ބްރައިޓަންގެ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އިން އެއްވަރުވިއިރު، އެވަޓަންއާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ހަމޭސް ރޮޑްރިގޭޒްގެ ގޯލުން އެވަޓަން ލީޑްނަގާފައިވަނިކޮށް، ފަހު ހާފުގައި ލެސްޓާ އަށް އެއްވަރުކޮށްދިނީ ޔޫރީ ޓިލަމެންސް އެވެ. އެސްޓަން ވިލާ އަތުން ފަހަތުން އަރައި ބާންލީ މޮޅުވީ 3-2 އިންނެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ނިކުންނާނީ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1:00 ގައެވެ.