ސްޕެނިޝް ލީގުގައި ރޭ އެއިބާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވައްދާލި ދެ ލަނޑާއެކު އެތުލެޓިކޯ މެޑްރިޑުން ތާވަލްގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. މި މެޗުން އެތުލެޓިކޯ މޮޅުވީ 2-1 އިންނެވެ.
ރޭގެ މެޗަށްފަހު އެތުލެޓިކޯ އަށް ކުޅުނު 17 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި 18 މެޗު ކުޅެގެން 37 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. ތިންވަނައިގައި 34 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު، ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. މިއާއެކު އެއް މެޗު މަދުން ކުޅެފައިވާ އެތުލެޓިކޯ އަށް ލީޑް އަދި އިތުރަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތެވެ.
އެއިބާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު އެ ޓީމަށް ޖަހައިދިނީ ސާބިއާގެ ގޯލްކީޕަރު މާކޯ ޑިމިޓްރޮވިޗް އެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހި ފުރަތަމަ ގޯލެވެ.
ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މާކަސް ލޮރެންޓޭ ދިން ބޯޅައަކުން އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ސުއަރޭޒް އެވެ. މިއީ ވަރަށް ހަނިއޭންގަލަކުން ގޯލްގެ ދުރުކަނަށް އަމާޒުކޮށްލައިގެން ސުއަރޭޒް ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗުން އެތުލެޓިކޯ މޮޅުވި ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ސުއަރޭޒް އެވެ. މިއީ ސުއަރޭޒް އަށް އެއިބާގެ ޑިފެންޑަރު އަނައިޒް އަރްބިޔާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަންކާ ޕެނަލްޓީއަކުން ކާމިޔާބުކުރި މި ގޯލާއެކު ލީގުގައި ސުއަރޭޒް ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ލީގުގައި ޖަހާފައިވަނީ 11 ލަނޑެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އޮސަސޫނާގެ ޖޮނަތަން ކަލޭރީ ޖެހި ގޯލުން ލީޑްނަގާފައިވަނިކޮށް ފަހު ހާފުގައި ވެލެންސިއާ އިން އެއްވަރުކުރީ އޮސަސޫނާގެ ޑިފެންޑަރު އުނާއި ގާސިއާ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.