English Edition
Dhivehi Edition
ރޭގެ މެޗުގައި ފުލަމް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ފަހަތުން އަރައި ފުލަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އަލުން ތާވަލް އެއްވަނަ އަށް ޖެހިލައިފިއެވެ. ޔުނައިޓެޑް މޮޅުވީ 2-1 އިންނެވެ.

ލީގުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީ އަތުން 2-0 އިން ހޯދީ މޮޅާއެކު ލެސްޓާ ސިޓީން އެއްވަނަ އަށް އަރާފައިވާއިރު، މެންޗެސްޓާ ސިޓީން 2-0 އިން އެސްޓަން ވިލާ ބަލިކޮށް އެއްވަނަ އަށް ޖެހިލާފައިވެއެވެ. އެކަމަކު ޔުނައިޓެޑުން ރޭގެ މެޗުން މޮޅުވުމާއެކު އަލުން އެއްވަނަ އަށް ޖެހިލީ 19 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް މެޗު މަދުން ކުޅެގެން 38 ޕޮއިންޓާއެކު ދެވަނައިގައި ސިޓީ އޮތްއިރު، ލެސްޓާ އަށް ވެސް ހަމަ އެއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ސިޓީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި 18 މެޗުން ހޯދީ 34 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ.

ފުލަމްގެ ކްރޭވަން ކޮޓެޖްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ޖަހައިދިނީ އަޑެމޯލާ ލުކްމަން އެވެ. އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައި ޕެނަލްޓީއޭރިޔާތެރޭގައި ފެނު ޖެހުމުން ފުލަމްގެ ކީޕަރު އަލްފޮންސޯ އަރެއޯލާ މަތަކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާނަގައި އެޑިންސަން ކަވާނީ ވަނީ އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފު ފުލަމް އިން ރަނގަޅަށް ފެށިނަމަވެސް ލުކްމަން އަށް ލަނޑުޖަހަން ލިބުނު ފުރުޞަތުގައި މާރަނގަޅަށް ފޮނުވާލެވޭގޮތްނުވުމުން އެ ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ. އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ އަރެއޯލާ މަތަކުރިއިރު، އޭގެ މިނެޓެއްފަހުން ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ އޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުން ރީތި ގޯލެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ލީޑްނަގައިދީފައެވެ.

އެސްޓަން ވިލާއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ރޭގެ މެޗު ނިމެން ދަނިކޮށް ފުލަމް އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް އެ ޓީމުގެ ފޯވާޑް އަލެކްސެންޑާ މިޓްރޮވިޗް އާއި ރުބެން ލޮފްޓަސް-ޗީކް އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ސިޓީ ވަނީ ތާވަލްގެ 11 ވަނައިގައި އޮތް އެސްޓަން ވިލާ އަތުން 2-0 އިން މޮޅުވެފައެވެ. ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން އެ ޓީމުން ޑޮމިނޭޓްކުރަމުންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިންމާލީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. މި ހާފުގައި އެ ޓީމުގެ ފިލް ފޯޑެން އަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވިލާގެ ބާޓްރަން ޓްރައޯރޭ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ސިޓީގެ ޔާއޯ ކަންސޭލޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މި މެޗުގައި ސިޓީން ޖެހި ފުރަތަމަ ލަނޑު، 79 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ކާމިޔާބުކޮށްދިންއިރު މެޗުގެ އެންމެ ފަހު މިނެޓުގައި ވިލާގެ މެތިއު ކޭޝްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން އިލްކާއީ ގުންޑޮގާން ވަނީ ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1:00 ގައެވެ.