English Edition
Dhivehi Edition
ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ލެސްޓާ ސިޓީގެ ޖޭމްސް މެޑިސަން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި ލެސްޓާ ސިޓީން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މިއީ ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސްގެ ކޯޗިންގ ކެރިއަރުގައި ޗެލްސީގެ މައްޗަށް ހޯދީ ފުރަތަމަ ކާމިޔާބީއެވެ. މީގެކުރީން، ރޮޖާސް ލިވަޕޫލަށް އިރުޝާދުދިން ދުވަސްވަރު ވެސް ޗެލްސީ އަތުން މޮޅުވެވިފައެއްނުވެއެވެ.

ރޭގެ ނަތީޖާއާއެކު ލެސްޓާ އަށް ކުޅުނު 19 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 37 ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީން ލީގުގައި މިރޭ އެސްޓަން ވިލާ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް އެއްވަނަ ލިބޭނެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 18 މެޗުން 34 ޕޮއިންޓް ހަމަކޮށްގެން ހަތަރުވަނައިގައެވެ.

ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ރޭގެ މެޗުގައި ލެސްޓާ އިން ލީޑްނެގީ ހަވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު ވިލްފްރެޑް އެންޑީޑީ ޕެނަލްޓީއޭރިޔާ ބޭރުން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 34 ވަނަ މިނެޓުގައި ލެސްޓާގެ ލީޑް ފުޅާކުރުމަށް ޖެމީ ވާޑީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރިއެވެ.

ޗެލްސީއާ ދެކޮޅަށް ލެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އޭގެ ހަތަރު މިނެޓުފަހުން، ލެސްޓާގެ ޖޮނީ އެވަންސް ޗެލްސީގެ ވިންގާ ކްރިސްޓިއަން ޕުލިސިޗަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދޭން ނިންމުމަށްފަހު ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ނިންމުން ބަދަލުކޮށް، އޭރިޔާބޭރުން ހިލޭޖެހުމެއް ދީފައެވެ. މޭސަން މައުންޓް ހިލޭޖެހުމަކުން ފޮނުވާލި މި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތީން ބޭރަށެވެ.

މި މެޗުގައި ލެސްޓާ އިން ޖެހި ދެވަނަ ލަނޑު، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޗެލްސީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މާކް އޯލްބްރައިޓަން ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަން އެވެ.

ދެވަނަ ހާފުގައި ލެސްޓާގެ ލީޑް އިތުރަށް ފުޅާކުރުމަށް ޖޭމްސް ޖަސްޓިން އާއި ޔޫރީ ޓީލަމަންސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، މެޗު ނިމެން ދަނިކޮށް ޗެލްސީގެ ޓިމޯ ވާނާ ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އޮފްސައިޑް ކަމަށް ނިންމާފައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް ވަނީ 2-1 ގެ ނަތީޖާއަކުން ތާވަލްގެ ފުލުން ދެވަނައިގައި އޮތް ވެސްޓް ބްރޮމްވިޗް އެލްބިއަން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޖަރޮޑް ބޮވެން ވައްދާލި ލަނޑުން ވެސްޓް ހޭމް ލީޑްނަގާފައިވަނިކޮށް ދެވަނަ ހާފުގެ ކުރީކޮޅު ވެސްޓް ބްރޮމްގެ މަތެއުސް ޕެރޭރާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެފަހުން، މެޗުގެ 66 ވަނަ މިނެޓުގައި ވެސްޓް ހޭމް މޮޅުވި ލަނޑުޖަހައިދިނީ އަނިޔާއަށްފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި އިތުބާރު ފޯވާޑް މިހައިލް އެންޓޯނިއޯ އެވެ.