އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މަޝްހޫރު ޑާބީޑިއިޓާލިއާގައި އަމިއްލަ ދަނޑުގައި އިންޓަ މިލާނުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު އިންޓަ ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ވާދަވެރި އޭސީ މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. މިލާނަށް 17 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އިން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 18 މެޗު ކުޅެގެންނެވެ. ހެޑް ޓު ހެޑް ގަވައިދުން މިވަގުތު މިލާން ކުރީގައި އޮތްއިރު، ލީގުގައި މިރޭ ކަލިއާރީ އަތުން އެ ޓީމު މޮޅުވެއްޖެނަމަ ތާވަލްގެ ކުރީގައި ތިން ޕޮއިންޓް ލީޑެއް ލިބޭނެއެވެ. ތިންވަނައިގައި އުޅޭ ނަޕޯލީ އާއި ހަތަރުވަނައިގައި އޮތް އޭއެސް ރޯމާ އަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ޔުވެންޓަސް އޮތީ 33 ޕޮއިންޓާއެކު ފަސްވަނައިގައެވެ.
ޔުވެންޓަސް އަށް ރޭގެ މެޗަށް ނިކުުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީވެ މަތައިސް ޑި ލިޓް އާއި ހުއާން ކުއަޑްރާޑޯގެ އިތުރުން އަލެކްސް ސެންޑްރޯ އަށް ނުކުޅެވުމެވެ. އަދި އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.
ސެންސީރޯގައި ރޭ ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނިޓްގައި ނިކޯލޯ ބަރޭލާ ނަގައިދިން ހުރަހަކުން އިންޓަ އަށް ލީޑްނަގައިދިނީ އާޓޫރޯ ވިޑާލް އެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން އިޓާލިއަން ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އޭރު އޭނާ ކުޅުނީ ޔުވެންޓަސް އަށެވެ.
ޔުވެންޓަސްގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެޑެރީކޯ ކިއޭސާ ފޮނުވާލި ބޯޅަ އިންޓަގެ ކީޕަރު ސާމިރް ހެންޑަނޮވިޗް މަތަކުރިއިރު، އޭގެކުރީން އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާ އެ ގޯލް ގަބޫލުނުކޮށްފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުޖަހައިދިނީ ބަރޭލާ އެވެ. މިއީ އެ ޓީމުގެ ޑިފެންސްލައިންގައި ހަރަކާތްތެރިވަމުން އަންނަ އަލެސަންދްރޯ ބަސްޓޯނީ ދިން ރީތި ޕާހަކުން ބަރޭލާ ވައްދާލި ހިތްގައިމު ގޯލެކެވެ. މި މެޗުގައި އިންޓަގެ ލީޑް އިތުރަށް ފުޅާކުރުމަށް ލޮޓާރޯ މާޓިނޭޒް އާއި ރޮމެލޫ ލުކާކޫ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެޓަލާންޓާއާ ދެކޮޅަށް ޖެނޯއާ ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، ޓޮރީނޯގެ ދަނޑުގައި ސްޕެޒިއާ އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ވެސް ހަމަމިނަތީޖާއިންނެވެ. ނަޕޯލީ އަތުން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ފިއޮރެންޓީނާ ބަލިވިއިރު ކްރޮޓޯނޭ ވަނީ 4-1 އިން ބެނެވެންޓޯ އަތުން މޮޅުވެފައެވެ.